ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރީން ބުނީ، ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން ކަނޑައެޅި މުއްދަތު މިމަހުގެ 30 ވަަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން މާލެ، ހުޅުމާލެ، ވިލިމާލެ މިސްކިތްތަކުގެ އިތުރުން ސަރުކާރުން އަރާ ފޭބުން މަނާކުރާ ރިސޯޓުތަކުގެ މިސްކިތްތަކުގައި ފަރުޟު ފަސް ނަމާދާއި ހުކުރު ނަމާދު ޖަމާއަތުގައި ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ހަމައެއާއެކު މި މުއްދަތުގެ ތެރޭގައި ރަށެއް ލޮކްޑައުންކޮށްފިނަމަ އެރަށެގެ މިސްކިތްތަކުގައި ވެސް އެ މުއްދަތުގެ ތެރޭގައި ޖަމާއަތުގައި ނަމާދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި މިއަދުގެ މަޢްރިބް ނަމާދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް ފަރުޟު ނަމާދަށް މިސްކިތްތަކުގައި ޖަމާއަތް ނުހެދުމަށް ނިންމާފައިވާ ކަމަށާއި އެގޮތަށް އެރަށުގައި މީހުން އަމަލު ކުރުމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ކޮވިޑް -19 އިން ރައްކާތެރިވުމަށް އެތައް ފިޔަވަޅުތަކެއް ސަރުކާރުން އަޅާމުން އަންނަ އިރު، މާލެ ސަރަހައްދުގެ މިސްކިތްތަކާއި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މިފަދަ ގޮތަކަށް ހުއްޓާލި ފުރަތަމަ ފަހަރެވެ.
މިސްކިްތަތކުގައި ޖަމާއަތުގައި ނަމާދުކުރަން ކަނޑައެޅި މުއްދަތް މި މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ އިރު މާލޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން އަންނަނީ ފެންނަމުންނެވެ. އެހެންކަމުން މާލެ ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ލޮކްޑައުންކޮށްފައެވެ.
މިހާތަނަށް މާލެއިން ވަނީ ޖުމްލަ 14 ކޭސް ފެނިފައެވެ. އެގޮތުން މިއަދާ ހަަމއަށް އައި އިރު އެންމެ ގިނަ ކޭސް ފެނިފައިވަނީ މިއަދެވެ. އެއީ މިހާތަނަށް ޖުމްލަ 6 މީހެކެވެ.