ކޮވިޑް19 އާ ގުޅިގެން ހިންގާ އޮޕަރޭޝަނަށް ވޮލަންޓިއާ ކުރުމުގެ ފުރުސަތު ރިޓަޔާކޮށްފައިވާ ސިފައިންނަށް ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ ކުރިން އެމްއެންޑީއެފްގެ ވަޒީފާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ކޮވިޑް19 އޮޕަރޭޝަނަށް ވޮލަންޓިއާ ކުރަން ބޭނުންވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 3323708 އަދި 3322496 ފޯނު ނަންބަރަށް ގުޅުއްވާ ނަންނޯޓް ކޮށް، ނުވަތަ ނަމާއި ނަންބަރު [email protected] އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.

ކޮވިޑް19 އާ ގުޅިގެން ހިންގާ އޮޕަރޭޝަނަށް ވޮލަންޓިއާ ކުރުމުގެ ފުރުސަތު ރިޓަޔާކޮށްފައިވާ ސިފައިންނަށް ހުޅުވާލާފައިވާއިރު، ކޮވިޑް19 ޖެހޭ މީހުންގެ އަދަދު މާލެއިން އިތުރުވުމާ ގުޅިގެން މާލޭގައި ލޮކްޑައުން އިއުލާނު ކޮށް އެންމެން ގޭގައި ތިބެން އަންގާފައިވާ މި ދަނޑިވަޅުގައި، ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވެ ދިނުމުގައި އެންމެ ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ އެއް ބަޔަކީ ސިފައިންނެވެ.

އެގޮތުން އެންމެ މުހިންމު އެއް ކަމަކީ، ގޭގެއަށް ކާބޯތަކެތި ފޯރުކޮށްދޭން ނުވަތަ ޑެލިވަރީ ކޮށްދިނުމެވެ. އެސްޓީއޯގެ ހޯމް ޑެލިވަރީއަށް ބާރު ބޮޑުވެ، ހުއްޓިފައިވާތީ، ގޭގެއަށް މުދާ ގެންގޮސް ދިނުމުގެ މަސައްކަތް ސިފައިންނާއި ވަނީ އިއްޔެ ފަށާފައެވެ. ސިފައިން ދަނީ އާއްމުންގެ އެސްޓީއަށް ދީފައިވާ ޑެލިވަރީ އޯޑަރުތަކަށް މުދާ ހަމަކޮށް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރުމަށްޓަކައި، އެސްޓީއޯ ސުޕަ މާކެޓުގައި ހަރަކާތްތެރި ވަމުންނެވެ.