އިތުރު މީހަކު މާލެއިން ޕޮޒިޓިވްވެ، އަދަދު 15 އަށް އަރާފައިވާ ކަމަށާއި ޖުމްލަ 35 މީހުން ރާއްޖެއިން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، މާލެއިން މިރޭ ޕޮޒިޓިވްވި ފަރާތަކީ އުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެނާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މާލެއިން މި ބައްޔަށް ޕޮޒީޓިވްވި ފުރަތަމަ ކޭސް ފެނިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ވޭތުވެ ދިޔަ 4 ދުވަސްތެރޭ މާލެއިން ޖުމްލަ 35 މީހަކު މިބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވި އެންމެ ގިނަ މީހުން ފެނިފައި ވަނީ މިއަދެވެ. ހަމައެކަނި މިއަދުވެސް ކޮވިޑަށް 7 މީހަކު މިވަނީ ޕޮޒިޓިވްވެފައެވެ.

މި ދިޔަ ބުދަ ދުވަހު މާލެއިން ފުރަތަމަ ކޭސް (ކޭސް 21) ފެނިފައިވާ އިރު ބުރާސްފަތި ދުވަހު ވަނީ ކޭސް 21 އާ ޑައިރެކްޓް ކޮންޓެކްޓްވި 2 ކޭސް (ކޭސް 22 އާއި ކޭސް 23) ފެނިފައެވެ. އެއީ ކޭސް 21 ދަރިފުޅާއި އާއިލާ އިތުރު މެންބަރެކެވެ. އެއަށްފަހު އިއްޔެ އިތުރު 5 ފަރާތެއް މިބައްޔަށް ޕޮޒީތިވްވަނީ ވެފައެވެ. އެއީ ކޭސް 23 ގެ ފިރިމީހާ (ކޭސް 24) އާއި ދަރިފުޅު (ކޭސް 25) ގެ އިތުރުން ކޭސް 26 އެވެ. މީގެ އިތުރުން މާލެއިން ފެނުނު ކޭސްތަކާއި ގުޅުމެއް ނެތް ދެ ފަރާތެއް (ކޭސް 27 އާއި ކޭސް 28) ވެސް ވަނީ އިއްޔެ ފެނިފައެވެ.

މިއަދު ފެނިފައިވާ ކޭސްތަކަށް ބަލާލާއިރު، ކޭސް 29 އާއި ކޭސް 30 އާއި ކޭސް 34 އަކީ އިއްޔެ ޕޮޒިޓިވްވި ކޭސް 27 ގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. އަދި ކޭސް 31 އާއި ކޭސް 33 އަކީ އިއްޔެ ޕޮޒިޓިވްވި ކޭސް 28 ގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. ހަމައެއާއެކު މިއަދު ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކު، ކޭސް 32 ގެ ގޮތުގައި ވަނީ ޕޮޒިޓިވްވެފައެވެ. އޭނާއަކީ މިއަދު ޕޮޒިޓިވްވި ކޭސް 30 ގެ ޑައިރެކްޓް ކޮންޓެކްޓެކެވެ.

މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 7 އަންހެނަކާއި 3 ކުޑަކުދިންނާއި 5 ފިރިހެނެކެވެ. މާލެއިން ޖުމްލަ 15 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު އޭގެތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 1 ބިދޭސީއެކެވެ.