މާލެއިން 14 ވަނަ މީހަކު ޕޮޒިޓިވްވެ، އަދަދު 34 އަށް އަރާފައިވާ ކަމަށް އެޗްޕީއޭން ބުނެފިއެވެ.

އެޗްޕީއޭން ބުނީ 14 ވަނައަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ކޭސް:27 ގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ. އެ މީހާގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާ ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭން ބުނެއެވެ.

މި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެޗްޕީއޭން ބުނެއެވެ.

މާލެއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް އެއް ފެނިފައި ވަމީ މިދިޔަ ބުދަ ދުވަހެވެ. މިއަދަށް ތިން ދުވަސް ވެފައިވާއިރު، މިހާރު މާލެއިން އެކަނި 14 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 34 އަށް އަރާފައެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވް ވީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް އަންހެނެކެވެ. މި ހާލަތާއެކު ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ވަނީ މާލޭގެ ލޮކްޑައުން 14 ދުވަހަށް އިތުރު ކޮށްފައެވެ. އަދި މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފައެވެ. މީގެ އިތުރުން މި މަހުގެ ނިޔަލަށް ސަރުކާރުވެސް ވަނީ ބައްދުކޮށްފައެވެ.