މާލެއިން ކޮވިޑް19 ފެނުމާ ގުޅިގެން މާލެ ލޮކްޑައުން ކުރުމާ އެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގައި ނުނެރެވިފައި ހުރި މުދާތަކުގެ ތެރެއިން ޒަރޫރީ މުދާތައް ނެރުމުގެ މަސައްކަތް މިއަދު އެ ކުންފުނިން ފަށައިފިއެވެ.

އެމްޕީއެލް އިން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއަދުން ފެށިގެން ކާގޯ ކްލިއާ ކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާނެ ކަމަށެވެ. އަދި އެންމެ ބޮޑު އިސްކަމެއް ދޭނީ ޒަރޫރީ ތަކެތި ކްލިއާ ކުރުމަށް ކަމަށްވެސް އެމްޕީއެލްއިން ބުންޏެވެ. އެމްޕީއެލް އިން ވަނީ މި ދަނޑިވަޅުގައި ކަސްޓަމަރުން ދެމުން ގެންދާ އެއްބާރުލުމާއި ކެތްތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

މީގެއިތުރުން އެ ކުންފުނިން ދެމުން ގެންދާ ތަފާތު އެކި ހިދުމަތްތަކަށް ފައިސާ ދެއްކުމަށް ބޭނުންވާ ފަރާތްތަކުން އެކުންފުނީގެ އޮންލައިން އެޕްލިކޭޝަން "ބަނދަރު ޕޯޓަލް" ނުވަތަ އޮންލައިން ޓްރާންސްފާ ހެދިދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

https://twitter.com/Portmv/status/1251374090302025728?s=20

އިއްޔެ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވަނީ، މާލެ ލޮކްޑައުން ކޮށްފައިވާ މި މުއްދަތުގައި މުދާ ވަކި މުއްދަތެއް ވަންދެން ނުނެރެ ހުރުމުން ނަގާ ޑެމަރޭޖް ފީ ނުގުނާނެ ކަަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ވިޔަފާރި ވެރިންނަށް ލުއި ގޮތްތަކެއް ފަހިކޮށްދިނުމަށް ކަންވެސް ފާހަގަކޮށްފައެވެ.