ކޮވިޑް-19 އާއްމުންގެ ތެރޭގައި ފެތުރުމާ ގުޅިގެން މާލެ ލޮކްޑައުންކޮށްފައިވާތީ ފިހާރަތަކުން އާއްމުންނަށް ބޭނުންވާ މުދާ ޑެލިވަރީކޮށްދޭން ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާން 300 އަށް ވުރެން ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޔޫތް މިނިސްޓާ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ،

މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޮލަންޓިއަރުންގެ ގޮތުގައި ޑެލިވަރީކޮށްދޭން އެދިފައިވާ މީހުންގެ ރެކޯޑްތައް ސާފުކުރާނެ ކަމަށެވެ. އޭގެފަހުން، 7770779 ނަމްބަރުން ގުޅައި މައުލޫމާތު އޮޅުންފިލުވައިދޭނެ ކަމަށާއި ވޮލަންޓިއަރުންގެ މަސައްކަތް ކުރިއަށް ގެންދާނީ، ކަމާގުޅޭ ފަރާތްތަކުގެ އިރުޝަދުގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ.

މިހާރު ހަމަޖައްސާފައި އޮތީ، ވޮލަންޓިއަރަކަށް ވާން ހުށަހެޅި އެންމެންގެ ކުށުގެ ރެކޯޑު ވެސް ސާފުކުރަން ކަމަށާއި އެ މީހުންނަށް ފަސޭހަވަގުތަކުތަކުގައި އެކި ފިހާރަތަކަށް ބަހާލައި، ހިދުމަތް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށްވެސް މަހުްލޫފް ވިދާޅުވިއެވެ.

މާލެ ލޮކްޑައުން ކުރުމުން ޑެލިވަރީގެ ހިދުމަތްތައް ވެސް ދެމުން އަންނަނީ ސަރުކާރުން ހުއްދަ ދީފައިވާ ވަކި ފިހާރަތަކުން އެކަނިއެވެ. އެއްފަހަރާ ގިނަ ބަޔަކު އޯޑަރު ކުރަމުންދާތީ ޑެލިވަރީގައި ލަސްތަކެއް ދިމާވެ، އާއްމުންނަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައި ވުމުން އެހީތެރިވުމުގެ ގޮތުން އިއްޔެ ވަނީ ފުލުހުންނާއި ސިފައިންވެސް ޑެލިވަރީ ކުރުމުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފައެވެ.