މާލެ ސިޓީއިން މިއަދު ޕޮޒިޓިވްވި ބަންގްލަދޭޝް މީހާއަކީ ލޭބާ ކުއާޓާއެއް ނުވަތަ ގިނަ ބިދޭސީންތަކަކާ އެއް ތަނެއްގައި ދިރިއުޅޭ މީހެއް ނޫންކަން ހާމަކޮށްފިއެވެ.
ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހާ އަކީ ލޭބަ ކުއާޓާއެއްގައި ދިރިއުޅޭ މީހެއް ނޫން ކަމަށެވެ.
މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ކުރިން ޕޮޒިޓިވްވި ދިވެއްސަކާ ސީދާ ކޮންޓެކްޓްވި މީހެކެވެ. އެނގިފައިވާ ގޮތުގައި، އެ ބިދޭސީމީހާ އަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މީހެކެވެ. މާލެ އިން ބަންގްލަދޭޝް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ވާއިރު، ކުދި ތަންތަންކޮޅުގައި 50 މީހުން ވެސް ތޮއްޖެހިގެން ދިރިއުޅޭ އިރު، އެކަކު ޕޮޒިޓިވްވުން އެއީ އެތައް ބަޔަކަށް ނުރައްކާ އޮތް ކަމެކެވެ.
މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވް ވީ އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތް އަންހެނެކެވެ. އޭނާއަށް ފަހު މާލެއިން މިހާރު ވަނީ 12 މީހަކު ޕޮޒިޓިވް ވެފައެވެ.
މި ހާލަތާއެކު ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ވަނީ މާލޭގެ ލޮކްޑައުން 14 ދުވަހަށް އިތުރު ކޮށްފައެވެ. އަދި މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފައެވެ. މީގެ އިތުރުން މި މަހުގެ ނިޔަލަށް ސަރުކާރުވެސް ވަނީ ބައްދުކޮށްފައެވެ.
ކޮވިޑް-19 ގައިންގަޔަށް އަރަމުން ދާއިރު، ޑރ. ޝީނާ މޫސާ ވިދާޅުވަނީ މިހާރު ރާއްޖޭގައި ބަލިޖެހިފައިވާ މީހުންގެ އަދަދު 100 އާ ގާތް ކުރާނެ ކަމަށެވެ.