ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށްވެސް އޭގެ އަސަރު ކޮށްފައިވާތީ އެކަމުން އަރައިގަތުމަށް، އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) ފަންޑުން އިމަޖެންސީކޮށް ރާއްޖެއަށް 20 މިލިއަން ޑޮލަރުގެ އެހީއެއް ލޯނުގެ ގޮތުގައި ދިނުމަށް ނިންމައިފިއެވެ.
މިކަމާ ގުޅިގެން އޯޕެކް ފަންޑުން އިން ބުނެފައިވަނީ ކޮވިޑް19 ގެ ސަބަބުން ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ހީނަރުވުމާއި ގުޅިގެން މިހާރު ދިމާވެފައިވާ އިގްތިސާދީ ލޮޅުމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ސަރުކާރަށް 20 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިމަޖެންސީ ލޯނުން ރާއްޖޭގެ އިކޮނޮމިކް ރިކަވަރީ ޕްލޭނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އޯޕެކުން ދިވެހިރާއްޖެއަށް 20 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވަނީ އޯޕެކުގެ އެހީތެރިކަން ހޯދުމަށް ސަރުކާރުން އެޖަމިއްޔާއެކު މަޝްވަރާކުރި ފަހުންނެވެ. އޯޕެކް ފަންޑުން ބުނީ ކޮވިޑް19 ގެ ސަބަބުން ގަައުމުތަކަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އޯޕެކްގެ ބޯޑުން ވަނީ 390 މިލިއަން ޑޮލަރުގެ ލޯން ފެސިލިޓީއެއް އިއުލާނުކޮށްފައި ކަމަށެވެ. އަދި ރާއްޖޭގެ އިތުރުން މި ޕަބްލިކް ސެކްޓަރު ލޯންތައް މިސްރާއި ޗާންޒަނިއާ، މާލީވެސް ހިމެނެއެވެ.
ކޮވިޑް19 އާއި ގުޅިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވޯލްޑް ބޭންކުންވަނީ ރާއްޖެއަށް 17.3 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައިވެއެވެ. އަދި ޔޫރަޕިންއަން ޔޫނިއަން (އީޔޫ)އިންވެސް ރާއްޖެއަށް 3 މިލިއަން ޔޫރޯ ޑޮލަރުގެ ހިލޭ އެހީ އެއް ވަނީ ދީފައެވެ. ރާއްޖެއިން ވަނީ ކޮވިޑް19 ގެ ސަބަބުން އިގްތިސާދަށް އަންނަ ގެއްލުންތަކުން އަރައިގަތުމަށް، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން 50 މިލިއަން ޑޮލަރު އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން 30 މިލިއަން ހޯދުމުގެ މަޝްވަރާތައްވެސް ފަށާފައެވެ.
ކޮވިޑް19 އާއި ގުޅިގެން ދިވެހި ސަރުކާރުންވަނީ ރާއްޖެއަށް އޮން އެރައިވަލް ވިސާ ދިނުންވެސް މެދުކަނޑާލާފައެވެ. އެއާއިއެކު ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ މެދުކެނޑިފައެވެ. ރާއްޖެއިން މިހާތަނަަށް ކޮވިޑް19 އަށް 32 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިއަދަދު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވާނެ ކަމަށް ރާއްޖޭގެ ސިއްހީ މާހިރުން ބުނެއެވެ.