ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް މިންވަރަކަށް އިތުރުވަމުންދާ އެމެރިކާގައި އެކަށީގެންވާ ވަރަށް ޓެސްޓު ކުރަމުން ނުދާކަމަށާ، އެއީ ޔަގީނުންވެސް މައި ސަރުކާރުގެ ޒިންމާއެއް ކަމަށް އެގައުމުގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ކުރީގެ ޑައިރެކްޓަރެއް ކަމަށް ޑރ ޓޮމް ފްރައިޑެން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން އެމެރިކާގައި ފެށިގެން އައި ދުވަސްވަރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ، ޓެސްޓު ކުރަން ބޭނުން ކޮންމެ މީހަކު ޓެސްޓު ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އެމެރިކާގެ އެކި ސްޓޭޓްތަކުގެ ގަވަރުނަރުން ގެންދަވަނީ، އެކަށީގެންވާ މިންވަރަށް ޓެސްޓުކުރާނެ އާލާތްތައް ލިބެމުން ނުދާ ކަމުގެ ޝަކުވާ ކުރައްވަމުންނެވެ.

ކަންމިހެން އޮތްއިރު، ޓްރަމްޕް ގެންދަވަނީ ހުއްޓިފައި އޮތް އެމެރިކާގެ އަލުން ހިންގައިގަތުމުގެ ރޫހެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ނަމަވެސް، ގައުމީ ފެންވަރެއްގައި ޓެސްޓު ކުރުން ކުރިއަށް ގެންދާނެ ގޮތުގެ އިސްތިރާޖެއް ޓްރަމްޕްގެ ސަރުކަރުން އެކަށައަޅުއްވާފައެއް ނުވެއެވެ. މި ޒިންމާ މަތިކުރީ ސްޓޭޓްތަކާއެވެ.

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް/ފޮޓޯ: އެލެކްސް ބްރޭންޑަން

ގައިންގަޔަށް އަރާ ބަލިތަކުގެ ސްޕެޝަލިސްޓެއް ކަމަށްވާ ޑރ ޓޮމް ފްރައިޑެން ވިދާޅުވީ، ދުވާލަކު 150000 އަށްވުރެ މަދުން ޓެސްޓު ކުރުމަކީ އެމެރިކާއަށް އެކަށީގެންވާ މިންވަރަށްވުރެވެސް މަދު އަދަދެއް ކަމަށެވެ.

ޑރ ސަންޖޭ ގުޕްތާއާއިއެކު ޕޮޑްކާސްޓެއް ރެކޯޑްކުރައްވަމުން ޑރ ޑރ ޓޮމް ފްރައިޑެން ވިދާޅުވީ، އިތުރު ބަޔަކު ޓެސްޓު ނުކޮށް، އެންމެ އިސް ސަމާލުކަމެއް ދޭންޖެހޭ މީހުން ޓެސްޓުކުރަން ބާލަ ކަމަށްވާނަމަވެސް، 3 ގުނަ އިތުރަށް ޓެސްޓު ކުރަންޖެހޭ ކަމަށެވެ. ނަމަވެސް ހުރިހާ އެންމެން ޓެސްޓު ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާ، އޭގެ މާނައަކީ އުއްމީދެއް ނެތުން ނޫންކަމަށްވެސް ޑރ ޓޮމް ފްރައިޑެން ވަނީ ވިދާޅުވެފައެވެ.

އެމެރިކާގައި ކާރެއްގައި ދާ މީހަކަށް ކޮވިޑް-19 ޓެސްޓް ކިޓްއެއް ހަވާލުކުރަނީ/ފޮޓޯ: ފެދެރީކް ޖޭ ބްރައުން

އެމެރިކާއިން އަދިވެސް ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވަމުން ޑރ ޓޮމް ފްރައިޑެން ވިދާޅުވީ، މައި ސަރުކާރުން މިކަމުގައި އުޅެންޖެހޭ ކަމަށާ، ވިޔަފާރި އުސޫލުން ހިންގާ ލެބްތަކާ، ޕްރައިވެޓް ސެކްޓާ ހޮސްޕިޓަލުތަކުންވެސް އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ. ސަޕްލައި ޗޭންތަކުގެ މަސައްކަތް ކަށަވަރުކުރުމުގައިވެސް މައި ސަރުކާރުން އަދާކުރަންޖެހޭ އިސް ރޯލެއް އެބައޮތް ކަމަށާ، ޓެސްޓުކުރާ ކެޕޭސިޓީ އިތުރުކުރުމަށްވެސް ސަމާލުކަން ދޭންޖެހޭ ކަމަށް ޑރ ޓޮމް ފްރައިޑެން ވަނީ ގޮވާލައްވާފައެވެ.

އެމެރިކާގެ އަދުގެ ހާލަތަށް ބަލާއިރު މިއަދު އެކަނިވެސް 537 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 710272 އަށް އަރާފައިވާއިރު މި ބަލީގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު ވަނީ 37175 އަށް އަރާފައެވެ.