ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ ދެން އެންމެ ބޮޑުވެގެންދާ ސަރަހައްދު (އެޕިސެންޓާ)އަކީ އެފްރިކާއަށްވުން އެކަށީގެންވާކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ދީފިއެވެ.

ހަމަ މިއާއެކު، މި ބަލީގައި އެފްރިކާއިން 300000 މީހުން މަރުވެ، 30 މިލިއަނެއްހާ މީހުން އިންތިހާ ފަގީރުކަމުގެ ތެރެއަށް ވައްޓާލުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އދގެ އޮފިޝަލުން ވަނީ އިންޒާރު ކުރައްވާފައެވެ.

ހުސްވި ހަފުތާއަށް ބަލާއިރު އެފްރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މުޅި އެފްރިކާއަށް ބަލާއިރު ކޮވިޑް-19 އާ ގުޅިގެން 1000 މަރު އަދި ގާތްގަނޑަކަށް 19000 ޕޮޒިޓިވް ކޭސް ރިޕޯޓްކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ. މިއީ މި ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރިގެންދިޔަ އެމެރިކާ އަދި ވިލާތުގެ ގައުމުތަކާ އަޅާ ބަލާއިރު ދަށް މިންވަރެކެވެ.

ޑަބްލިއު.އެޗް.އޯއިން ބުނާ ގޮތުގައި ވައިރަސް ފެތުރެމުންދަނީ އެފްރިކާގެ ވެރިރަށްތަކާ ދުރަށެވެ.

ކަންމިހެން އޮތްއިރު، ބަލިމަޑިކަމާ ކުރިމަތިލާން އެކަށީގެންވާ އަދަދެއްގެ ވެންޓިލޭޓަރުތަކެއްވެސް އެފްރިކާ ނެތްކަން ޑަބްލިއު.އެޗް.އޯއިންވަނީ ފާހަގަކޮށްފައެވެ.

ލިބެމުންދާ އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު ނައިޖީރިއާގެ ރައީސް މުޙައްމަދު ބުހާރީގެ ޗީފް އޮފް ސްޓާފް އައްބާ ކިޔާރީ ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ނިޔާވެފައެވެ.

އެފްރިކާގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ އެކަށީގެންވާ ގޮތަކަށް ފެނުގެ ސަޕްލައިވެސް ނުލިބޭ މީހުންނެވެ. އަދި ރަށްފުށު ހިސާބުތަކަށްވުރެ ތަރައްގީވެފައިވާ ސަރަހައްދުގައި 60 ޕަސެންޓް މީހުން ދިރިއުޅެމުންދަނީ ތޮއްޖެހިފައިވާ ޖިފުޓިތަކެއްގައި ކަމީ، ބަލިމަޑުކަން ފެތުރިގެން ދިއުމުގެ ނުރައްކާ އިތުރުވަށް ބޮޑުވާ ކަމެކެވެ.