މިއަދަކީ ރެޔާއި ދުވާލު ރައްޔިިތުންނަށް ހިދުމަތް ދެމުން ގެންދާ ފަހުރުވެރި ޑޮކްޓަރުންގެ ދުވަހެވެ. އާއްމު ގޮތެއްގައި ޑޮކްޓަރުންނަކީ މާ މުހިއްމު ބަޔަކަށް މިހާތަނަށް "އަހަރެމެންނަށް" ވިސްނިފައި ނުވި ނަމަވެސް މިއަދު މުޅި ދުނިޔެ މިއޮތް ހާލަތުން އަދި އަހަރެމެންގެ މި ކުޑަ ރާއްޖެ އޮތް ހާލަތުން އެކަނިވެސް އެމީހުންގެ ހިދުމަތުގެ އަގަކަކީ ފައިސާއަކުން ނުވަތަ ބުނެލާ ބަހަކުން ފުއްދާލެވޭނެ އެއްޗެއް ނޫންކަން މިއަދު ކޮންމެ ރައްޔިތަކަށްވެސް އިހުސާސް ކުރެވޭނެއެވެ.

މިއަދު ޑޮކްޓަރުން އެ މަސައްކަތް އެގޮތުގައި ނުކުރާ ނަމަ މި ދިވެހިރާއްޖެއިން އެކަނިވެސް ކޮވިޑް19 އާ ގުޅިގެން ކިތައް ފުރާނަ ހިނގައިދާނެތޯއެވެ. ނަމަވެސް ދިވެހި ޑޮކްޓަރުންގެ ފަރާތުން މިއަދު ފެންނަމުން ދަނީ އާދަޔާ ހިލާފު ހިތްވަރަކާއި އަޒުމެކެވެ. ދުނިޔެއަށް ދައްކަމުން ދަނީވެސް އާދަޔާ ހިލާފު ނަމޫނާއެކެވެ. އަދި ދިވެހިންނަށް ދެމުން ގެންދަނީ ވެސް އެހާމެ ބޮޑު އިތުބާރެކެވެ. އެއީ މިއަދު ރާއްޖޭގައި ތިބި ޑޮކްޓަރުންނަކީ ދުނިޔޭގެ ފެންވަރުގައިވެސް ހަމަ ގުނާލެވޭ ފެންވަރުގެ ޑޮކްޓަރުން ކަމެވެ.

ޑޮކްޓަރުންތަކެއް އޮޕަރޭޝަން ކުރަނީ / ފޮޓޯ: ޓުވީޓާ

އަހަރެމެން ދިވެހިންގެ އުސޫލަކީ މިއީއެވެ. ބަލިވީމާ ރާއްޖެއިން ޑޮކްޓަރަށް ދައްކާލަފާނެއެވެ. އެކަމަކު އެ ޑޮކްޓަރު އޮޕަރޭޝަނެއް ނުވަތަ އެނޫންވެސް އެހެން ކަމެއް ކުރަން ބުނެފި ނަމަ ނެތް ލާރީގައި ދާނީ ރާއްޖެއިން ބޭރަށެވެ. ސަބަބަކީ ރާއްޖޭގެ ޑޮކްޓަރުންނަށް ދިވެހިން އިތުބާރު ނުކުރުމެވެ. ނަމަވެސް ކޮވިޑް19 އާ އެކުގައި އެ ހާލަތުވެސް ބަދަލުވެ ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ޑޮކްޓަރުންނަށް ވަނީ ދީފައެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރުންތަކެއް / ފޮޓޯ: ޓުވީޓާ

ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑް19 ޖެހިގެން އެތައް ބަޔަކު މަރުވެއްޖެއެވެ. މި ދައްކަނީ ސިއްހީ ގޮތުންނާއި މާލީ ގޮތުންވެސް އެގައުމުތަކާއި ދުވަހަކުވެސް ރާއްޖެއަށް އަރާ ހަމަ ނުކުރެވޭނެ ގައުމުތަކުގެ ވާހަކައެވެ. ނަމަވެސް ވަސީލަތް ހުރެމެ މީހުން ތިބެމެ ފައިސާވެސް ހުރެމެ އެތައް ހާސް ރައްޔިތުންނެއް މަރުވެއްޖެއެވެ. އެހެންނަމަވެސް ރާއްޖޭގައި ޑޮކްޓަރުން ދައްކަމުން އަންނަ އާދަޔާ ހިލާފު ހިތްވަރުގެ ސަބަބުން މިއަދުގެ މިހާތަނަށް އިރާދަކުރައްވައިގެން އެއްވެސް މީހަކު މިބަލީގައި މަރުވެފައި ނުވެއެވެ. މުޅި ޖުމްލަ 16 މީހަކު ބަލި ޖެހުނު މީހުންގެ ތެރެއިން ރާއްޖެއިން ވަނީ ރަނގަޅުވެފައެވެ. މިވަގުތަށް ބައްޔަށް ސީދާ ބޭހެއް އުފެއްދިފައި ނުވި ނަމަވެސް މި 16 މީހުން ރަނގަޅު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ އަމިއްލަ ފުރާނަ އަތްމައްޗައް ލައިގެން ތިބި ދިވެހި ޑޮކްޓަރުންނެވެ.

"އާންމުކޮށް މިދުވަސް ފާހަގަކުރަނީ ވަރަށް މަޖާކޮށް. ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން، އަޅުގަނޑުމެން ހުރިހާ ސިއްޙީ އެހީތެރިން މިތިބީ އެކުގާއި އަތުކުރި އޮޅާލައިގެން،" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ފަސްޖެހެންވީ ވަގުތެއް ނޫން ކަމަށާއި މިއީ ކެރިގެން ކުރިމަތި ލާންވީ ވަގުތު ކަމަށެވެ. އަދި މިއީ ހާސިލް ނުވި ކަންކަމާ ހިތާމަ ކުރަންވީ ވަގުތެއްވެސް ނޫންކަން ފާހަގަކުރައްވާ ވިދާޅުވީ މިއީ ގޭން ބޭރަށް ނުނިކުމެ މަޑުކުރަން ވީ ވަގުތު ކަމަށެވެ. ގޭގަ މަޑުކުރާއިރު ކުޑަކުދިންނަށް ގޭތެރޭގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޑރ. މުހައްމަދު އަލީ އިލްތިމާސް ކުރެއްވިއެވެ. މީގެއިތުރުން އެންމެންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް ސަމާލުކަން ދިނުމަށާއި ގެވެށި އަނިޔާ ކުރާ ނަމަ ކަމާބެހޭ ފަރާތްތަކަށް އެކަން ރިޕޯޓް ކުރުމަށް ޑރ. މުހައްމަދު އަލީ އިލްތިމާސް ކުރެއްވިއެވެ.

"ކުޑަދަރިފުޅަށް ކިޔައިދޭން ޖެހޭ "ގައިދުރުކަން" ކިޔައިދީ އެކުދިން ޝިކާރައަކަށްވުމުން ދުރުކުރާތި. އިސްލާމް ދީނުގެ ރިވެތި އާދަތަށް ކިޔައިދީ ދަސް ކޮށްދޭތި. ދޭތެރެ ދުރުކުރުމުގެ ވަސީލަތްތަކުގެ ބޭނުން ހިފާތި. ކެއުމުގަ ނަގާ ޕޯޝަން މަދުކުރެވޭތޯ ބަލާތި. އިސްރާފް ނުކުރާތި. ކޮވިޑް19 ގެ ބަލީގައި ހަނދާން ބަހައްޓަން ޖޭހޭނެ، މިބަލި ޖެހޭ 80 އިންސައްތަ މީހުންނަށް ފެންނާނީ ވަރަށް އާދައިގެ ރޯގައެއްގެ އަލާމަތް، ވަކި ފަރުވާއެއް ނުދިނަސް ރަނގަޅުވާނެ، ނަމަވެސް 20 އިންސައްތަ މީހުން ސީރިއަސް ވާނެ. އޭގެތެރެއިން 9 އިންސައްތަ މީހުންގެ ހާލު ނާޒުކު ވެދާނެ،" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ރާއްޖޭގައި ސިއްހީ ދާއިރާގައި ހިދުމަތް ކުރައްވާ ބޭފުޅުންގެ އަދަދު މަދުވި ކަމުގައިވިޔަސް އެފަރާތްތަކުން ދޭ ހިދުމަތްތައް ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ވަކި މަދެކޭ ނުދެންނެވޭނެވެ. ރާއްޖޭގެ ސިއްހީ ނިޒާމަކީ ދުނިޔޭގެ ފެންވަރުގައި ދަށް ސިއްހީ ނިޒާމަކަށް ބަޔަކަށް ހީވި ނަމަވެސް މިއަދު އެ ސިއްހީ ނިޒާމަކީ ދުނިޔޭގެ ފެންވަރުގެ ނިޒާމެއްކަމަށް ބަލައިގަންނަ ބަޔަކު ތިބޭނެކަމީ އެއްވެސް ޝައްކެއް ނެތް ކަމެކެވެ. މިއަދު ރާއްޖޭގައި ވެސް ތިބި ޑޮކްޓަރުންނަކީ މޮޅެތި ޑޮކްޓަރުންތަކެއް ކަމީވެސް ބަޔަކު ދެބަސް ވާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް އެމީހުންގެ އަތުން ކިތަންމެ ކުޑަ ކުޑަ ކަމެއް (މިސްޓޭކެއްީ ހެދުނު ނަމަވެސް އަހަރެމެން އެންމެން ވެސް އެއްޗެހި ގޮވާ ހަދަނީވެސް ހަމަ އެމީހުންނަށެވެ. އެއީވެސް އިންސާނުންނެވެ. ގޯހެއް ހެދުމަކީ އެކަށީގެންވާ ކަމެކެވެ. އެއްޗެހި ގޮވުމުގެ ކުރިން މާދަމާ ވެސް ސިއްހީ ބޮޑު ކާރިސާއެއް ކުރިމަތިވެއްޖެ ނަމަ އެންމެ ކުރީ ސަފަށް ނިކުމެ މުޅި ގައުމުގެ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ތިބޭނީ އެމީހުންކަން ހަނދާން ކޮށްލަމާ ހިނގާށެވެ.

ޑޮކްޓަރުންތަކެއް އޮޕަރޭޝަން ކުރަނީ / ފޮޓޯ: ޓުވީޓާ

ކޮންމެއަކަސް މިއަދު ދިވެހި ޑޮކްޓަރުން ވަމުން އަންނަ މަތިވެރި ގުރުބާނީއަކީ އެމީހުންގެ ނަން ދިވެހި ތާރީހުގައި ލިޔެވިގެން ދާނެ ނަން ތަކެކެވެ. ރެއާއި ދުވާލު އިންސާނީ ހިދުމުގައި އަދާ ކުރަމުން ގެންދާ ޒިންމާ އަކީ ދިރި ތިބީން އެކަމުގެ ވާހަކަ އަންނަން އޮތް ޖީލަށް ކިޔައި ދޭނެ ވާހަކަތަކެކެވެ. އެމީހުންގެ ހިތްވަރާއި ކެތްތެރިކަމަކީ ނަމޫނާއެކެވެ.