ކޮވިޑް-19 އިން ރައްކާތެރވުމުގެ ގޮތުން ފުލުހުންގެ ސްޓޭޝަންތަކާއި އާންމުކޮށް ބޭނުންކުރާ ތަންތަން ޑިސްއިންފެންކްޓް ކުރުމުގެ މަސައްކަތް ވޭތުވެ ދިޔަ ދެ ހަފްތާގައި ކުރަމުން ގޮސްފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މާލެ ސިޓީގެ ފުލުހުންގެ އިދާރާ ތަކާއި އާންމުކޮށް ބޭނުން ކޮށް އުޅޭ ފުލުހުންގެ ތަންތަން ކޮންމެ ދުވަހަކުވެސް ޑިސްއިންފެކްޓް ކުރާތާ ދެ ހަފްތާ ވެފާއިވާ ކަމަށާއި އެކަމުން އާންމުން ރައްކާތެރިވާނެ ކަމަށެވެ.
ކޮންމެ ދުވަހަކު ޑިއުޓީގައި ބޭރުގައި އުޅުމަށް ފަހު އެނބުރި މަސައްކަތަށް ދާ ސްޓޭޝަން، ޑިސްއިންފެކްޓް ކުރަމުން ދާއިރު، މީގެ ކުރިން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެމްއެންޑީއެފުން ގއ.ތިނަދޫގެ މަގުތަކާއި އައްޑޫ ސިޓީގެ މަގުތަކާއި މާލެ ސިޓީގެ މަގުތަކާއި ހުޅުމާލެ އާއި ވިލިމާލޭގެ މަގުތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގުތަކާއި ގިނަ ސަރަހައްދުތަކެއް ޑިސްއިންފެކްޓް ކޮށްފައެވެ.
މީގެ އިތުރުން އެމްޕީއެލުން ދަނީ އެކުންފުނިން ދުއްވާ ބަސްތައްވެސް ޑިސްއިންފެކްޓް ކުރަމުންނެވެ. ހަމައެއާއެކު އެމްޓީސީސީއިން އެކުންފުނިން ފެރީގެ ހިދުމަތްދޭ ފެރީތަކާއި ފެރީ ޓާމިނަލްވެސް ދަނީ އާންމުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ޑިސްއިންފެކްޓު ކުރަމުންނެވެ.
ސަރުކާރުން ދަނީ ކޮވިޑް19 އިން ރައްކާތެރި ވުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ރާއްޖެ ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ވަނީ ބަންދު ކޮށްފައެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެތައް މަސައްކަތެއް ރާއްޖޭގެ ސަރުކާރުން ކުރަމުން ދިޔަ ނަމަވެސް މިހާރު ރާއްޖޭގައި ވަނީ ކޮވިޑް ފެތުރެން ފަށާފައެވެ.
މިހާތަނަށް 29 މީހަކަށް މި ބަލި ރާއްޖެއިން ޖެހިފައި ވާއިރު، އޭގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.