އެއް ގޮތުން ނުވިއްޔާ އަނެއް ގޮތުންވެސް ގޭތެރޭގައި ތިބުން މިއަދު މިވަނީ މަޖުބޫރުވެފައެވެ. ދުނިޔެ ކުޑަކޫ ޖައްސާލި ކޮވިޑް-19 ވައިރަހުގެ ނުރައްކަލުން ސަލާމަތްވުމަށް ސިއްހީ މާހިރުން ދެމުންދިޔަ އިރުޝާދުތައް މިއަދު މިވަނީ އަމުރަކަށް ވެފައެވެ.

އެކަކު އަނެކަކާ އެކަހެރިވެ، ގެތަކުގައި ބަންދުވެފައި ތިބެން ޖެހުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް، މާލެ ފަދަ ތޮއްޖެހިފައިވާ ސިޓީއެއްގައި މިއީ ކުރަން މާ ފަސޭހަ ކަމެއްވެސް ނޫނެވެ. ނަމަވެސް މިކަމަށް ތަޖުރިބާކާރު ގައުމުތަކެއް އެބަހެއްޓެވެ. އޭގެ ތެރެއިންވެސް ޖަޕާނަކީ ކުދި ތަންކޮޅުކޮޅުގައި ވީހާވެސް މަދު އެތިކޮޅެއް ބޭނުންކޮށްގެން ދިރިއުޅެން އާދަވެފައިވާ ބައެކެވެ.

މި ހިއްސާކޮށްލަނީ 1985 ވަނަ އަހަރުން ފެށިގެން ޖަޕާނުގައި ދިރިއުޅެމުން އަންނަ ލިޔުންތެރިއެއްކަމަށްވާ އެޒްބީ ބްރައުން ހިއްސާކޮށްފައިވާ ބައެއް ޓިޕްތަކެވެ.

ކުޑަދޮރުތަކަށް ބަދަލު ގެނައުން

އެޒްބީ ބްރައުން ބުނާ ގޮތުގައި ކުޑަދޮރުތަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. މިއީ ގޭގައި މަޑުކޮށްލައިގެން ތިބޭއިރު ބޭރު ފެންނަ ހަމައެކަނި ކިޑިކީއެވެ. އެހެންކަމުން، ކުޑަ ދޮރަށް ކުޑަ ނަމަވެސް ބަދަލެއް ގެނައުމަކީ ހިތަށް އުފާވެރިކަމެއް ގެނެސްދޭނެ ކަމެކެވެ. މިއީ ނަފްސާނީ ގޮތުންވެސް ލިބޭނެ ފަރުވާއެކެވެ. އެޒްބީ ބްރައުން ބުނާ ގޮތުގައި، ކުޑަ ދޮރު ކައިރި ކުޑަކޮށް ޒީނަތްތެރި ކޮށްލުމަކީ އެދެވިގެން ވާކަމެވެ. އަދި މިއީ ގޭތެރެއަށް ކޮންމެވެސް ވަރެއްގެ ދިރުމެއް ގެނެސްދީ، ގޭބަންދުވެފައި ހުރުމުގެ ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް ކުޑަކޮށްދޭނެ ކަމެއް ކަމަށްވެސް އޭނާ ބުނެއެވެ.

ކުޑަދޮރެއްގެ ކައިރީގައި ބަހައްޓާފައިވާ މާ ގަހެއް/ފޮޓޯ: ފްލިކާ

މަސައްކަތާ ދުރުވެލުން

މި ދުވަސްވަރަކީ، މީގެ ކުރިން އޮފީސްތަކުގައި ކުރި މަސައްކަތް ގޭގައި ކުރުމުގެ އާދައަށް ބައެއް މީހުން ހޭނެމުންދާ ދުވަސްވަރެކެވެ. މިއީ ގިނަ ބަޔަކަށް އާ ކަމެކެވެ. ހަނދާނުގައި ބަހައްޓަންވީ ކަމަކީ، ގޭގައި މަސައްކަތް ކުރި ކަމުގައި ވީ ނަމަވެސް ކާ ގަޑިތަކަށް ބްރޭކް ނަގަންޖެހޭނެ ކަމެވެ. ފުރުސަތު އޮތް ނަމަ، އޮފީހުގެ ސެޓްއަޕް ގޮތަށް ގޭގައިވެސް ކުޑަ ސެޓްއަޕް ހަދާލެވިދާނެއެވެ. އޮފީހުގައި "ލަންޗް" ބްރޭކް ނަގާ އުސޫލުން ގޭގައިވެސް ލަންޗް ބްރޭކް ނަގާށެވެ.

ކޮންފަރެންސް ކޯލަކަށް ޕްރައިވަސީ ހޯދުން

މިއީ ލޮކްޑައުންއާއެކު ކޮންމެ މީހަކުމެހެން އެންމެ ބޮޑަށް އަހުލުވެރިވާންޖެހިފައިވާ އެއް ކަމެވެ. ބައެއް މީހުންނަކީ އަދާކުރާ ވަޒީފާގެ ގޮތުން ދުވާލަކު އެތައް ފަހަރު ކޮންފަރެންސް ކޯލްއާއި ވީޑިއޯ ކޯލުތައް ކުރަންޖެހޭ މީހުންނެވެ. އަނެއްބައި މީހުންނަކީ ސިއްހީ ހިދުމަތެއް ހޯދުމަށް ނުވަތަ އެނޫންވެސް އެފަދަ ކަމަކު ވީޑިއޯ ކޯލުކުރާ މީހުންނެވެ. ބުއްދިވެރި ގޮތަކީ އާއިލީ ބައްދަލުވުންތައްވެސް ވީޑިއޯ ކޯލަކުން ފަރުޖައްސާލުމެވެ. ވަކިން ހާއްސަކޮށް ދޮށީ އުމުރުގެ މީހުން ބާކީ ނުކޮށްލުމަށް އޮތް އެންމެ ބޮޑު ފުރުސަތަކީވެސް މިއީއެވެ.

ކޮވިޑް-19ގެ ލޮކްޑައުންގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދޮށީ އުމުރުގެ އާއިލާ މެމްބަރުންނާ ވާހަކަ ދެއްކުން ބުއްދިވެރި/ފޮޓޯ: ލިވްއަބައުޓް

ކަންމިހެން އޮތްއިރު، ޖާގަ އޮތް މިންވަރަކުން ވީޑިއޯ ކޮންފަރެންސްއަށް ހާއްސަ ތަންކޮޅެއް ހޯދާށެވެ. ކޮންމެހެން ހޯމް އޮފީސް ނުވަތަ ރަސްމީކޮށް މަސައްކަތަށް ކަނޑައަޅާފައިވާ ސަރަހައްދަކަށްވެސް އެކަން ވާކަށް ނުޖެހެއެވެ. އެނދުގެ ކަނެއްގައި އިނދެގެންވެސް މިކަން ކުރެވިދާނެއެވެ. އަދި އެހެން ކަމަށް ވަނީ ނަމަ، ފަހަތުން ނުވަތަ އަރިމައްޗަކުން ފެންނަން ހުންނަ ފާރާ، ފަރުނީޗަރަށް ކޮންމެވެސް ކަހަލަ ކުޑަ ބަދަލެއް ގެނެވިދާނެއެވެ. ހާއްސަ މެސެޖެއް ތަތްކޮށްލެވިދާނެއެވެ. އަނެކުންނާ މެދު ތިބާ ވިސްނާ މިންވަރު ބަޔާންކޮށްދެވިދާނެއެވެ.

މަސައްކަތްކުރާ ވަގުތު ސީދާ އެކަމަށް ސަމާލުކަން ދިނުން

ގޭގައި ތިބެގެން މަސައްކަތް ކުރުމަކީ ގިނަ ބަޔަކު އެކަމަށް އަހުލުވެރިވެފައިވާ ކަމެއް ނޫނެވެ. ގޭގައި ތިބެ ކިޔެވުމަކީވެސް އެކަމަށް ދަރިވަރުން އަހުލުވެރިވެފައިވާ ކަމެއް ނޫނެވެ. ކޮންމެހެންވެސް ސިއްރިއްޔާތު ބޭނުންވާ މަސައްކަތެއް ނަމަ، އުނދަގޫ ނުކުރުމަށް އެދޭ ބޯޑެއް ކަހަލަ އެއްޗެއް އާއިލާ މެމްބަރުންނަށް ފެންނަ ހިސާބުގައި ބެހެއްޓިދާނެ ކަމަށް އެޒްބީ ބްރައުން އިރުޝާދުދެއެވެ. އެއީ ތިބާ މަސައްކަތު އިށީނދެ އިންނަ ގޮނޑީގެ ފަހަތުގައި، ނުވަތަ އަނެކުންނަ ފެންނަ ގޮތަށް ލެޕްޓޮޕްގެ ނުފުށުގައި ހިއްޕާ ލިޔުމެކެވެ.

ގޭތެރޭގައި ދަރިން ގޮވައިގެން ރަސްމީ މަސައްކަތެއް ކުރަން އިން މީހެއް/ފޮޓޯ: ހާވަޑް ބިޒްނަސް ރިވިއު

މިކަމުގައި އޮތީ އެކަކު އަނެކަކަށް އެހީތެރިކަމާ އެއްބާރުލުން ދިނުމެވެ. އިހުތިރާމް ކުރުމެވެ. ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދަށް ކިޔަމަންވެ، ތިބާއާއި އަނެކުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ފަރުދީ ޒިންމާ އަދާކުރުމެވެ.