ކޮވިޑް-19އަށް އިތުރު މީހަކު ޕޮޒިޓިވްވެ، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 32 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

މިފަަހަރު ޕޮޒިޓިވް ވީ ރާއްޖެގައި އުޅޭ ބަންގްލަދޭޝް މީހެކެވެ. އޭނާ ޕޮޒިޓިވް ވެފައި ވަނީ މާލެއިންނެވެ.

މާލެއިން ޕޮޒިޓިވް ވި ބަންގުލަދޭޝް މީހަކީ ކޭސް 30 އާއި ޑައިރެކްޓް ކޮންޓެކްޓް ވި މީހެކެވެ. ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހާއަކީ ކޭސް 30 ގެ ޑައިރެކްޓް ކޮންޓެކްޓަކަށް ވާ އިރު، ކޭސް 30 އަށް ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޖެހުނީ އިއްޔެ ބައްޔަށް ޕޮޒިޓިވްވި ކޭސް 27 ގެ ފަރާތުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައި ވެއެވެ.

ބައެއް މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ޕޮޒިޓިވް ވި ބަންގްލަދޭޝް މީހަކީ ލޭބާ ކްއާޓަރުގައި ދިރިއުޅޭ މީހެއް ނޫނެވެ. އަދި އޭނާއަކީ ދިވެއްސަކާ އިނދެގެން އުޅޭ މީހެކެވެ.

ބަލިވާ މީހުންނާއި، ތަންތަން އާންމު ކުރާނެ އުސޫލެއް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ހާމާ ކުރައްވާފައި ވީ ނަމަވެސް އެއްވެސް މީހެއްގެ ނަމެއް، އޭނާ އުޅޭ ތަނެއް ނުަތަ ފޮޓޯއެއް އަދި ހާމައެއް ނުކުރެއެވެ.

މާލެއަކީ ބައިބޯ އަދި ތޮއްޖެހިފައިވާ ތަނަކަށް ވާއިރު، ބަލި ވި މީހާއާއި އޭނާ އުޅޭ ތަނެއް ހާމަ ކުރާނަމަ، ބަލި ނުޖެހި ތިބޭ މީހުނަށް އެކަހެރިވާން ނުވަތަ ގައިދުރުވާން އެނގޭލެއް ފަސޭހަވާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.