ދިވެހިން ފަރުވާ ކުޑަކޮށްފި ނަމަ، ފެތުރެމުންދާ ކޮވިޑަށް ފަރުވާ ނުދެވިގެން ބައެއް މީހުން ދޫކޮށްލަން ޖެހިދާނެ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ޝީނާ އެހެން ވިދާޅުވީ، ރާއްޖޭގައި ކޮވިޑް ފެތުރޭ ހާލާތަށް ބައްލަވާ ހައްދަވާފައިވާ ހިސާބުތަކުގެ މައްޗަށެވެ. ޝީނާ ވިދާޅުވީ، އަޅާނުލާ ފަރުވާ ކުޑަކޮށްލުމުން 100000 މީހުންނަށް ބަލި ޖެހި، ފަރުވާ ދެވެނޭ ގޮތެއް އަދި ވަސީލަތެއް އަދި ސިއްހީ އޮފިޝަލުން ނެތް ހާލަތަކަށް ހިނގައިދާނެ ކަމަށެވެ.

އެގޮތުން އޭނާ ފާހަގަ ކުރައްވާފައިވަނީ ފަރުވާ ކުޑަކޮށް ދޫކޮށްލައިފި ނަމަ 43 ހާސް މީހުން އައިސީޔޫއަށް ލާން ޖެހޭނެ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ބަލި ފެތުރެމުންދާ ޓްރެންޑަށް ބަލާނަމަވެސް އައިސީޔޫއަށް 43 ހާސް މީހުން ލާން ޖެހޭނެ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލަނބައިގެން އުޅޭ ނަމަ އައިސީޔޫއަށް ލާން ޖެހޭ މީހުންގެ އަދަދު 41 ހާހަށް ދަށް ކުރެވެއެވެ.

ޑރ. ޝީނާ ކިޔައިދެއްވި ހިސާބުގެ ސްކްރީންޝޮޓެއް

ޝީނާ އިތުރަށް ވިދާޅުވީ، މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތުން ކޮވިޑާ ގުޅިގެން ހުރި ސިއްހީ ފެސިލިޓީތަކުގެ ޖާގައަށް ވުރެ ބަލިވާ މީހުން ގިނަ ވާނެ ކަމަށެވެ.

އެގޮތުން ފުރަތަމަ 14 ދުވަހުގެ ތެރޭގައި 381 މީހަކަށް ބަލި ޖެހޭނެ ކަމަށް އާންމު ކުރި ތަފާސް ހިސާބުތަކުގައި ބުނެފައިވެއެވެ. އަދި އެ މުއްދަތުގައި އަޅާނުލައިފި ނަމަ 19468 މީހުންނަށް ކޮވިޑް ޖެހޭނެއެވެ. އެ މުއްދަތު 21 ދުވަހަށް ގޮސްފިނަމަ ބަލި ޖެހޭ މީހުންގެ އަދަދު 4 ހާހުން މައްޗަށް އަރައެވެ. އެ މުއްދަތު 28 ދުވަހަށް ގޮސްފި ނަމަ 25 ހާސް މީހުންނަށް ބަލި ޖެހެއެވެ.

ޑރ. ޝީނާ ކިޔައިދެއްވި ހިސާބުގެ ސްކްރީންޝޮޓެއް

މި އަންދާޒާތަކުގެ މައްޗަށް ޝީނާ ވަނީ އިންޒާރު ދެއްވާފައެވެ. ޝީނާ ވިދާޅުވީ އަޅާނުލާ ދޫކޮށްލައިފިިނަމަ 2000 މީހުން މަރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.