ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ފެންނާނީ 29 ކޭސްތޯ ނުވަތަ 19000 ހާސް ކޭސްތޯ ނިންމުން އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށް ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވީ މިރޭ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ކޮވިޑް-19 ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފްތާގައި ރާއްޖެއިން ފެންނާނީ 29 ކޭސްތޯ ނުވަތަ 19000 ކޭސްތޯ ނިންމާނީ ރައްޔިތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާރު މާލެއިން ޕޮޒިޓިވްވެފައިވާ މީހުންނާ ސީދާ ގުޅުން ހުރި 274 ކޮންޓެކްޓްސް ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން އެމީހުންގެ ތެރެއިން އަލާމާތްތައް ހުރި މީހުންގެ އިތުރު ކޮންޓެކްޓުން އައިސޮލޭޓް ކޮށްފައިވާއިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މި ބަލި ޖެހިފައިވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރުމަށް އަދި ބަލިން ރައްކާތެރިވެވޭނީ ވީހާވެސް ތެދު މައުލޫމާތު ތަފްސީލުކޮށް ފޯރުކޮށްދީގެން ކަމަށެވެ. އަދި މަބްރޫކް ކުރިން ދުވަހު ދިން ހޯމްވޯކް ކުރީބައިގައި ހަދައިގެން ތިބީމަ ފަސޭހަ ވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިވަގުތު ކޮންމެ މީހަކީ ޕޮޒިޓިވް ނުވަތަ ޕޮޒިޓިވް މީހެއްގެ ކޮންޓެކްޓަކަށް ވެސް ވެދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ، ކުރިއާށް އޮތް 14 ދުވަހު ފެންނަ ކޭސްތަކުގެ އަދަދު މަދު ކުރުން އޮންނާނީ ހަމަ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. ޑރ. ނަޒްލާވަނީ މިހާރު ކަމާ ބެހޭ ފަރާތްތަކުން ނަގާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.