އާންމު ސިއްހަތަށް ނުރައްކާތެރިވާ ހާލަތެއްގައި ބައްޔެއް ޖެހިފައިވާ މީހެއްގެ ނަން ހާމަކޮށް، އާންމުކޮށް އިއުލާނު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާ، އެއަށް އަމަލު ކުރަން ފަށައިފިއެވެ.

އެ ގަވާއިދުގައިވާ ގޮތުން، އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ވަކި ހާލަތްތަކުގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިންޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި، ވަކި ފަރާތެއްގެ ނަން ހާމަ ކުރުމަކީ މުހިންމު ކަމެކެވެ. އަދި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެންނަ ހާލަތެއްގައި އާންމުކޮށް މީހެއްގެ ނަމާއި، އެޑްރެހާއި، ވަޒީފާ އަދާ ކުރާ ތަނާއި، ފޮޓޯއާއި، އެ މީހާގެ ގައުމާއި، ޖެހިފައިވާ ބަލީގެ މައުލޫމާތު ހާމަ ކުރެވޭނެ ކަމަށް އެ ގަވާއިދުގައި ވެއެވެ.

އެ ގަވާއިދުގައިވާ ގޮތުން ބައްޔެއް ފެތުރުން ހުއްޓުވުމަށް މީހެއްގެ ނަން ހާމަ ކުރެވޭނީ ހަމަ އެކަނި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ. ނަމަވެސް، އޭނާއަށް މީހެއްގެ ނަން ހާމަ ކުރެވޭނީ، އެކަން ނުކޮށް އާންމު ސިއްހަތު ރައްކާތެރި ނުކުރެވޭނެ މިންވަރަށް އެކަމުގެ ނުރައްކާ ކުރިމަތިވެއްޖެ ހިނދެއްގައި، އެ މަގުސަދު ހާސިލު ކުރެވޭ މިންވަރަށް އެކަނި ކަމަށް ވެސް އެ ގަވާއިދުގައި ވެއެވެ.

ނަން ހާމަކުރުމުގެ ގަވާއިދުގައިވާ ގޮތުން، މަރުވެފައިވާ މީހަކު މަރުވެފައި ވަނީ، ނުރައްކާތެރި ބައްޔެއް ޖެހިގެން ކަމަށް އެ މީހެއްގެ މަރުގެ ސެޓްފިކެޓުގައި ބުނާ ނަމަ، އަދި އޭނާއަށް ޖެހުނީ އެ ދުވަސްވަރެއްގައި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ބައްޔެއް ކަމަށްވާނަމަ، އެ މީހާގެ ނަން ހާމަ ކުރެވޭނެއެވެ. އަދި ބަލި ފެތުރިދާނެތީ ކަރަންޓީނުކުރަން ނުވަތަ ނުވަތަ އެކަހެރިވާން އަންގާފައިވާ މީހަކު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފުވެއްޖެ ހާލަތެއްގައި އެ މީހެއްގެ ފަރާތުން ބަލި ފެތުރިދާނެ ކަމަށް ގަބޫލު ކުރެވޭނަމަވެސް، އެ މީހެއްގެ ނަން ހާމަ ކުރެވޭނެއެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 82 ވަނަ މާއްދާގެ (ށ)ގެ ދަށުން، އާންމު ސިއްހަތު ރައްކާތެރި ކުރުމަށް މީހެއްގެ ނަން ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަަށް ފެންނަ ހިނދެއްގައި އެކަން ކުރުމުގެ ބާރު އޭނާއަށް ލިބިގެންވެއެވެ. ނަމަވެސް އެކަން ކުރެވޭނީ އެކަން ކުރުމުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަމަލު ކުރަންވީ ގޮތުުގެ ގަވާއިދެއް އެކުލަވާލައިގެން ކަމަށް އެ މާއްދާގެ (ނ)ގައި ވެއެވެ.

މި ގަވާއިދު އެކުލަވާލާފައި ވަނީ ކޮރޯނާ ވައިރަސް ޑިޒީޒް ނުވަތަ ކޮވިޑް-19 ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ދަނިކޮށެވެ. އެގޮތުން ރާއްޖެއިން ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް 28 މީހަކު ފެނިފައެވެ.