މޮޑެލް އިން ކުރިއަށް އޮތް 14 ދުވަސްތެރޭ ޕީކް ވާނެ ކަމަށް ދައްކާ ކަމަށް ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މާލެއިން ކޮމިއުނިޓީ ކޭސްތަކެއް ފެނުމާއެކު މީގެ ކުރިން ރާއްޖެއަށް ހަދާފައިވާ މޮޑެލް އަލުން ތައްޔާރު ކޮށްފައިިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކަކީ ވަރަށް ބޮޑަށް ސަމާލުވެ ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ދުވަސްތަކެއް ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އޭގެން ދައްކާ ގޮތުން ފުރަތަމަ ކޭސްއެއް އުޅޭތާ 14 ދުވަސް ތެރޭ ޕީކަށް ދާނެ ކަމަށް ބެލެވޭ،" ޑރ.ނަޒްލާ

ޕީކަށް ދާނެ މުއްދަތުގައި އާންމު ފަރުދުންގެ އެއްބާރުލުމުގެ އިތުރުން، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ހަލުވި ކުރަން ޖެހޭނެ ކަމަށާއި ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ، ވީ އެންމެ އަވަހަކަށް އެ މައުލޫމާތު އެޗްޕީއޭއަށް ހިއްސާކުރުމަށް ވެސް ޑރ. ނަޒްލާ އެދިވަޑައިގަތެވެ. މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވް މީހަކާ ބައްދަލުވެފައިވާ މީހެއްގެ ފަރާތުން އަލާމާތެއް ފެނުނަސް ނުފެނުނު ނަމަވެސް އެމީހުން ބައްޔަށް ޓެސްޓު ކުރަމުން އަންނަ ކަމަށާއި، ކޭސްތައް ގިނަވަމުން އަންނަނީ އެހެންވުމުގެ ސަބަބުން ކަމަށެވެ.

މާލެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނިފައި ވަނީ މިދިޔަ ބުދަ ދުވަހެވެ. އޭނާ ފެނުނުތާ ދެ ދުވަސްތެރޭގައި މި ބައްޔަށް ޕޮޒިޓިވްވެފައިވާ ޖުމްލަ 8 މީހަކު ވަނީ މާލެ ތެރެއިން ފެނިފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި، ކުރިން ފާހަގަވެފައިވާ ޕޮޒިޓިވް ކޭސް އަކާ އެއްވެސް ގުޅުމެއް ނެތް ދެމީހަކު ވެސް ހިމެނެއެވެ.

ގުޅުން ނެތް ކޭސްތައް ފެންނަމުން ދިޔަ ނަމަވެސް، އެމީހުންގެ ގަޔަށް ބަލި އެރި ގޮތް ހޯދުމަށް ކޭސް އިންވެސްޓިގޭޝަން ކުރިއަށް ގެންދާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވެފައި ވާއިރު، ބަލި މާބޮޑަށް ފެތުރިއްޖެނަމަ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ނުގެންދެވި، އެކަން ހުއްޓާލަން ޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.