ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ޑރ. ފާތުމަތު ނަޒުލާ ރަފީގު ވިދާޅުވެއްޖެވެ.
މިއަދު ދަރުބާރުގޭގައި އޮންލައިކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށާއި އެ އެންމެނަށް ވެސް ފަރުކޮޅުފުށީގައި ފަރުވާދެމުންދާ ކަމަށެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިތުރުން ރާއްޖެ މިހާރު ވަނީ ލޮކްޑައުން ކޮށްފައެވެ.
މާލެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނިފައި ވަނީ މިދިޔަ ބުދަ ދުވަހެވެ. އޭނާ ފެނުނުތާ ދެ ދުވަސްތެރޭގައި މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ 7 މީހަކު ވަނީ މާލެ ތެރެއިން ފެނިފައެވެ.
މި ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހައި ރިކްސް އަދި މިޑްލް ރިސްކް ކަމަށް ފާހަގަ ކުރެވުނު އެންމެން ހުޅުލޭ އައިލެންޑް ހޮޓެލް އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކޮށްފައި ވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުން ވަނީ ޖުމްލަ 26 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އަދި ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޖުމްލަ 300 އަށް ވުރެ ގިނަ މީހުން ފާހަގަ ވެފައިވެއެވެ.
ރާއްޖެއިން ކޮވިޑް-19 ފުރަތަމަ ފެނި ޕޮޒިޓިވް ވަމުން ދިޔައީ މުޅިންވެސް ރާއްޖޭގައި ތިބި ބޭރު މީހުންނެވެ. އެންމެ ފުރަތަމަ ދިވެއްސަކު ޕޮޒިޓިވް ވެގެން ރިޕޯޓު ކުރީވެސް ޔޫކޭއިން ރާއްޖެ އައި ކޭސް އެކެވެ. އެ ހުރިހާ ކޭސްތަކަކީ އިމްޕޯޓަޑް ކޭސްތަކެއް ނަމަވެސް މިހާރު މާލެ ތެރެއަށް ކޮވިޑް-19 މިވަނީ ފެތުރިފައެވެ. މާލެ ތެރެއަށް ބަލި އައި ސޯސް ނުވަތަ ގޮތް ނުހޯދިގެން އުޅޭއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި 5 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.