މާސްކެއް އަޅައިގެން މަގުމައްޗަށް ނުކުތް ނަމަވެސް ސަލާމަތް ނުވާނެ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެ އެކަމަށް ފަރުވާތެރި ވުމަށް އިލްތިމާސް ކުރައްވައިފިއެވެ.
މިއަދު ދަުބާރުގޭގައި އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މާސްކް އަޅައިގެން ބޭރުގައި އުޅުނެއް ކަމަކު ސަލާމަތް ނުވާނެ ކަމަށާއި ބޭރަށް ނުކުތުމުގައި ސޯޝަލް ޑިސްޓެންސްއަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.
މިހާރު ރާއްޖެ މި އޮތް ހާލަތަށް އައިސްފައި މިވަނީ ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ދެމުން ދިޔަ އިރުޝާދުތައް އަޑުނޭހުމުގެ ސަބަބުން ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ބައްޔަށް ޕޮޒިޓިވްވާ މީހުން ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް ކޮންޓެކްޓު ވަނީ ތިރީހަކަށް މީހުންނާ ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވި މީހުން ދުވާލެއްގެ މައްޗަށް ކޮންޓެކްޓް ވި މީހުން އެވަރެޖްކޮށް 40 އަށް ވުރެ ގިނަ ކަން މަބްރޫކް ފާހަގަކުރެއްވިއެވެ.
"ކަމެއް ޖެހިގެން ތަނަކަށް ދާންޖެހުން އެއީ އެހެން ކަމެއް. އެހެން ނަމަވެސް ދުރުދުރުގައި ތިބުން އެއީ މިހާރުވެސް ކުރެވޭނެ ކަމެއް. މާސްކެއް އަޅައިގެން ނުކުތީމާ ސަލާމަތެއް ނުވޭ އިނގޭތޯ ކޮންމެހެން ކޮންމެ މީހަކު. މި ހާލަތުގައި އަޅުގަނޑުމެން މި ތިބީ،" މަބްރޫކް
ދޮގު މައުލޫމާތު ފަތުރާތީވެސް މަބްރޫކް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ހުރިހާ ވާހަކައަކަށް މީޑިއާތަކުން ވެސް ހަބަރު ހެދުން ހުއްޓާލަން ގޮވާލައިފައި ވާއިރު، ރާއްޖޭގެ ކޮންްމެ ރަށެއްގައި މީހަކު ބައްޔަށް ޕޮޒިޓިވް ވިޔަސް، އަދި އިތުރު ކަމެއް ހިނގި ނަމަވެސް، ވީ އެންމެ އަވަހަކަށް އެ މައުލޫމާތު އެޗްޕީއޭއިން ފޯރުކޮށްދެމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުކުރާ މައުލޫމާތަށް ބަލައިގެން އެޗްޕީއޭއިން ކޮންޓެކްޓް ޓްރޭސިން ނުހަދާނެ ކަމަށާއި އެއްވެސް ކަހަލަ އަލާމާތެއް ފެންނަ ނަމަ، ނުވަތަ ޕޮޒިޓިވް މީހަކާ ބައްދަލުވެފައި ވާނަމަ އެ މައުލޫމާތު އެޗްޕީއޭއާ ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.