މާލޭގެ އިތުރު ހަތަރު ތަނެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ މެޑިކަލް އޮފިސާ ޑޮކްޓަރު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އަށް މީހުންގެ ކޮންޓެކްޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން މިއަދުވެސް ހަތަރު ތަނެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އެއީ މ.ވީނަސް، މ.ފްލައިޓްވިއު، ހ.ޕާކްސައިޑް އަދި މާލެ ސްކެއާއެވެ.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ތިން ކޭސްއާ ގުޅިގެން މިހާތަނަށް 305 މީހަކު އެކަހެރިބކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ކޮވިޑްގެ އަލާމަތްތައް ހުރި ބައެއް މީހުން ތިބުމުން އެމީހުންގެ ސާމްޕަލްތައް ނަގާ ޓެސްޓް ކުުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ޑރ.ނަޒލާ ވިދާޅުވިއެވެ. މީގެ އިތުރުން ރޭ ޕޮޒިޓިވްވި މީހުންނާއި މިއަދު ޕޮޒިޓިވްވި މީހުންގެ ކޮންޓެކް ޓްރޭސިންގެ މަސައްކަތްވެސް ކުރިއަށް ދާ ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ތެރެއިން މޮނިޓަރިންގެ ހާލަތަށް އިއްޔެ ވަނީ 22 ގެ އެއް ގެންގޮސްފައެވެ. އަދި އޭގެ ތެރެއިން ހައި ރިސްކް އަދި މީޑިއަމް ރިސްކް ފަރާތްތައް އައިސޮލޭޝަން ފެސިލިޓީތަކަށް ގެންގޮސް އައިސޮލޭޓް ކޮށްފައި ވާއިރު، ލޯ ރިސްކް ފަރާތްތައް ވަނީ ހޯމް އައިސޮލޭޝަނަށް ލައި، އެ މީހުންގެ ގެތައް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ކަމަށް އެޗްޕީއޭން ބުނެއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 28 މީހެކެވެ. އަދި އޭގެ ތެރެއިން 16 މީހަކު ރަނަގަޅުވެފައި ވާއިރު، 10 މީހަކަށް ދަނީ ރާއްޖޭގައި ފަރުވާދެމުންނެވެ.