މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން މަގުމަތިވެފައި ތިބި މީހުންނަށް އެހީތެރިވުމަށް ކުރަމުންް އަންނަ މަސައްކަތުގެ ދަށުން، ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިޔަ 54 މީހުންގެ ތެރެއިން 15 މީހަކު އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފައްޒަ ޝާކިރު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ މަގުމަތިވެފައި ތިބި 54 މީހަކު ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި، އެމީހުންގެ ނިދުމާއި، ފެންވަރާ ފާހާނާ ކުރުމާއި ކެއިންބުއިމުގެ އިންތިޒާމު އެތަންތަނުގައި ހަމަޖައްސާފައިވާ ކަމަށެވެ.
އަދި މިހާތަނަށް އޭގެ ތެރެއިން 15 މީހަކު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށާއި ޖެންޑާގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރޭގައި، އެއްވެސް ބޯހިޔާވަހިކަމެއް ނެތް، އަދި ކުލި ދައްކައިގެން ތަނެއްގައި ހުރެވޭނެ ގޮތެއް ނެތް 17 މީހަކު ތިބި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަގުމަތިވެފައި ތިބި މީހުންގެ ކަންކަން ބެލެހެއްޓުމަށް އިމާދުއްދީން ސްކޫލާއި، ގަލޮޅު ދަނޑުގައި އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށާއި މިހާތަނަށް މަގުމަތިވެފައި ތިބި 100 އެއްހާ މީހުންނަށް ކާބޯތަކެތިވެސް ފޯރުކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖެންޑާ އިން ބުނީ މިހާރު އިމާދުއްދީން ސްކޫލުގައި އެމީހުންނަށް ވަގުތީ ގޮތުން ހިޔާވަހިކަން ފޯރުކޮށްދެމުން އައި ނަަމަވެސް، ލޮކްޑައުން ދިގުދެމިގެންދާނަމަ އެހެން ފެސިލިޓީއަކަށް އެމީހުން ބަދަލުކުރާނެ ކަމަށެވެ.
މަގުމަތިވެގެން ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންްގެ ތެރޭގައި ދިވެހީންނާއި ބިދޭސީން ވެސް ހިމެނެއެވެ. އެމީހުން ޑޮކްޓަރަށް ދެއްކުމުގެ ކަންކަން އިންތިޒާމް ކުރަނީ ދަރުބާރުގޭގައި ހަރަކާތްތެރިވާ ޑޮކްޓަރުންްގެ ޓީމާ ގުޅިގެންނެވެ.
މާލެ ސަރަހައްދު ލޮކްޑައުން ހާލަތަށް ގެންގޮސްފައި ވާއިރު، މިހާރު ވަނީ މާލެ ސަރަހައްދުގެ ލޮކްޑައުން 14 ދުވަހަށް އިތުރުކޮށްފައެވެ.
މާލެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނިފައި ވަނީ މިދިޔަ ބުދަ ދުވަހެވެ. އޭނާ ފެނުނުތާ ދެ ދުވަސްތެރޭގައި މި ބައްޔަށް ޕޮޒިޓިވްވެފައިވާ ޖުމްލަ 7 މީހަކު ވަނީ މާލެ ތެރެއިން ފެނިފައެވެ. މިހާރު ރާއްޖޭގައި ޖުމްލަ 27 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރެއިން 16 މީހަކު ވަނީ ރަނގަަޅުވެފައެވެ.