ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއް ލޮކްޑައުން ކޮށްފައިވީ ނަމަވެސް މަސްވެރިން މަހަށް ފުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ލޮކްޑައުންގެ ތެރޭގައިވެސް މަސް ދޯނިފަހަރުގައި މަހަށް ފުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށާއި މިހާލަތުގައި މަސްދޯނިފަހަރު މަސް ކިރުވުމަށް ބަނދަރުކުރާ ރަށަށް މަސްވެރިން ނުފޭބުމަކީ ލާޒިމުކަމެއް ކަމަށާއި، އެއުޅަނދެއް ނިސްބަތްވާ ރަށަށް މަސް ދަތުރު ނިންމުމަށްފަހު ދަތުރުކުރުމަކީ ލާޒިމުކަމެއް ކަމަށެވެ.
މަސްވެރިން މަހަށް ފުރުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާއި ގުޅޭގޮތުން އެޗްޕީއޭ އަދި ކަމާގުޅޭ ފަރާތްތަކުން އިތުރު ތަފްސީލު ފޯރުކޮށްދެއްވާނެ ކަމަށާއި އެފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަކީ އެ މިނިސްޓްރީގެ ވަނީ އިލްތިމާސް ކުރައްވާފައެވެ.
މާލެއިން ކޮވިޑް-19 ފެނުމާއެކު މާލެ ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި އެމީހުންނާ ކޮންޓެކްޓްވި މީހުން ރަށްރަށުގައި ވެސް ތިބުމުން، މިއަދު އިރުއޮއްސި 6:00 ގެ ފަހުން އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރު ކުރުން މަނާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މާލެ ސަރަހައްދު ލޮކްޑައުން ހާލަތަށް ގެންގޮސްފައި ވާއިރު މި ފިޔަވަޅުތަކުން އިސްތިސްނާވާ ފަރާތްތަކުގެ ގޮތުގައި ވަނީ ފުލުހުންނާއި ސިފައިންގެ އިތުރުން ސިއްހި ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު އަދި އެން.އީ.އޯ.ސީ.ގެ ފާސްލިބިފައިވާ ފަރާތްތަކާއި ފާސްލިބިފައި ވާ މީޑިއާތަކަށް ކަމަށް އެޗްޕިއޭއިން ބުނެއެވެ. އަދި މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި ޒަރޫރީ ބޭނުންތަކަށް މަގުފަހި ކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ ފުލުހުން ކަމަށް އެޗްޕީއޭއިން މައުލޫމާތު ދީފައިވެއެވެ.
މާލެ ލޮކްޑައުން ކުރުމަށް ނިންމާފައި ވަނީީ، މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވާތީ، ރައްކާތެރި ކަމުގެ ގޮތުން އަޅަމުންދާ ފިޔަވަޅެއްގެ ގޮތުގައެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ވަނީ މި އެންގުން ތަންފީޒުކޮށް، ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ އިދާރާތަކަށް އަންގާފައެވެ. އަދި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާއި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ ފުލުހުން ކަމަށް ވެސް އަންގާފައެވެ.