ކޮވިޑް-19 ނޫސްވެރިންގެ ބައްދަލުވުންތައް އޮންލައިކޮށް ބާއްވަން ނިންމައިފިއެވެ.
ރާއްޖޭގެ އެންމެ ތޮށްޖެހިފައިވާ މާލެ ސިޓީގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން މީގެ ކުރިން ދަރުބާރުގޭގައި ގާއިމް ކޮށްފައިވާ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބާއްވަމުން ދިޔަ ނޫސްވެރިންގެ ބައްދަލުވުންތައް އޮންލައިކޮށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ނޫސްވެރިންގެ ބައްދަލުވުން އޮންލައިން ކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު، މާލެ ސިޓީ ވަނީ ރެޑް އެލާޓްގައެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިތުރުން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. ނޫސްވެރިންގެ ބައްދަލުވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މިހާލަތުގައި އިޖުތިމާއީ ގައިދުރު ކަމަށް އިސްކަން ދިނުމަށް ކަމަށް ބެލެވެއެވެ.
މާލެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނިފައި ވަނީ މިދިޔަ ބުދަ ދުވަހެވެ. އޭނާ ފެނުނުތާ ދެ ދުވަސްތެރޭގައި މި ބައްޔަށް ޕޮޒިޓިވްވެފައިވާ ޖުމްލަ 7 މީހަކު ވަނީ މާލެ ތެރެއިން ފެނިފައެވެ.
މި ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހައި ރިކްސް އަދި މިޑިލް ރިސްކް ކަމަށް ފަހަނގަ ކުރެވުނު އެންމެން ހުޅުލެ އައިލެންޑް ހޮޓެލް އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓްކޮށްފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުން ވަނީ ޖުމްލަ 22 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އަދި ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޖުމްލަ 207 މީހަކު ފާހަގަ ވެފައިވާއިރު، ކޭސް 23ގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 35 މީހަކު ވަނީ ފާހަގަ ވެފައެވެ. އަދި މީގެ ތެރެގައި ހިމެނޭ ލޯ ރިސްކް މީހުން ވަނީ ހޯމް އައިސޮލޭޓް ކޮށްފައެވެ.
ރާއްޖެއިން ކޮރޯނާވައިރަސް ފުރަތަމަ ފެނި ޕޮޒިޓިވް ވަމުން ދިޔައާީ މުޅިންވެސް ރާއްޖޭގައި ތިބި ބޭރު މީހުންނެވެ. އެންމެ ފުރަތަމަ ދިވެއްސަކު ޕޮޒިޓިވް ވެގެން ރިޕޯޓު ކުރީވެސް ޔޫކޭއިން ރާއްޖެ އައި ކޭސް އެކެވެ. އެ ހުރިހާ ކޭސްތަކަކީ އިމްޕޯޓަޑް ކޭސްތަކެއް ނަމަވެސް މިހާރު މާލެ ތެރެއަށް ކޮވިޑް-19 މިވަނީ ފެތުރިފައެވެ. މާލެ ތެރެއަށް ބަލި އައި ސޯސް ނުވަތަ ގޮތް ނުހޯދިގެން އުޅޭއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި މިހާތަނަށް 3 މީހުން ޕޮޒިޓިވް ވީއެވެ.