މާލެއިން 6 ވަނަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ޕޮޒިޓިވްވެފައި ވަނީ ކޭސް 23 އާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތެއް ކަމަށެވެ. އަދި އޭނާގެ ޓެސްޓު ހަދާފައި ވަނީ ބަލީގެ އަލާމާތްތައް ފެނިގެން ކަމަށް ވެސް އެޗްޕީއޭން ބުނެއެވެ.

އެޗްޕީއޭން މިހެން ބުނެފައި ވާއިރު، ރޭ މެންދަމު ވެސް ކޭސް 23 އާ ކޮންޓެކްޓްވި ދެ މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ފާއިތުވި ދެ ދުވަސް ތެރޭގައި މާލެ ސިޓީން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 6 މީހަކު ފެނިފައެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިންނާއި ދެ އަންހެނުން ވެސް ހިމެނެއެވެ. މާލެއިން ކޮވިޑް-19 އަށް ފުރަތަމަ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފައެވެ. އަދި މި ކޭސްގެ ކޮންޓެކްޓް ޓްރޭސިން ރާއްޖޭގެ އުތުރާއި ދެކުނަށް ދަމާލާފައިވާއިރު، ރޭ އެޗްޕީއޭން ވަނީ ރާއްޖޭގެ ހުރިހާ ރަށަކުން އަރާފޭބުން މަނާކޮށްފައެވެ.

މި ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހައި ރިކްސް އަދި މިޑިލް ރިސްކް ކަމަށް ފަހަނގަ ކުރެވުނު އެންމެން ހުޅުލެ އައިލެންޑް ހޮޓެލް އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓްކޮށްފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުން ވަނީ ޖުމްލަ 22 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އަދި ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޖުމްލަ 207 މީހަކު ފާހަގަ ވެފައިވާއިރު، ކޭސް 23ގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 35 މީހަކު ވަނީ ފާހަގަ ވެފައެވެ. އަދި މީގެ ތެރެގައި ހިމެނޭ ލޯ ރިސްކް މީހުން ވަނީ ހޯމް އައިސޮލޭޓް ކޮށްފައެވެ.