ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން މުޅި ދުނިޔެ ހީނަރުކަމެއްގެ ތެރެއަށް ވެއްޓެމުންދާއިރު، މިހިނގާ 2020 ވަނަ އަހަރަކީ އިތުރު އެތައް ސަތޭކަ ހާސް ކުދިންނެއް މި ދުނިޔެއާއި އަބަދުގެ އަބަދަށް ވަކިވެ ހިނގައިދާނެ ކަމުގެ ބިރު އޮތް އަހަރެއް ކަމުގެ އިންޒާރު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ދެއްވައިފިއެވެ.

ގުޓެރޭޒް މިފަދަ އިންޒާރެއް ދެއްވާފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކުޑަކުދިންނަށް ކުރާ އަސާރާ ބެހޭ ގޮތުން ދެއްވި ހާއްސަ މެސެޖެއްގައެވެ.

މިމެސުޖުގައި ގުޓެރޭޒް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެމުންދާ ގޮތަށް ބަލާއިރު ކަންބޮޑުވާންޖެހޭ ނިޝާންތަކެއް ފެންނަމުންދާކަމަށެވެ. އެގޮތުން މުޖުތަމައުތަކުގައި ތިބި އެންމެ ނާޒުކު އަދި އެންމެ ފަގީރު މެމްބަރުންނަށް މިކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުކަން ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ. ބަލިމަޑުކަމާ، އެކަމުން އަރައިގަތުމަށް އަޅާ ފިޔަވަޅުތަކުގައިވެސް މިކަން އޮތީ މިހެންކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

ފަލަސްތީނުގެ ކިޔަވާ ކުދިންތަކެއް ޓުކް-ޓުކްއެއްގައި ސްކޫލަށް ދަނީ/ފޮޓޯ: އދ

މިމޭރުމުން މެސެޖު ކުރިއަށް ގެންދަވަމުން ގުޓެރޭޒް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުޑަކުދިންގެ ހާލަތާ މެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދާ ހިސާބަށް ބަލާއިރު ކޮވިޑް-19ގެ ބަލިމަޑުކަމުގެ ޝިކާރައަކަށްވެ، ބަލީގެ ބޮޑެތި ތަކުލީފުތައް އުފުލަންޖެހޭ ކުޑަކުދިންގެ ނިސްބަތް މަދުކަމީ ޝުކުރުވެރިވާންޖެހޭ ކަމެއްކަން ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ.

ކަންމިހެން އޮތް ނަމަވެސް ކުޑަކުދިންގެ އާންމު ދިރިއުޅުމުގެ ހާލަތު މިއަދު އެފުށް މިފުށަށް ޖެހިފައިވާކަން ފާހަގަކުރައްވަމުން އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ހުރިހާ ފަންތިއެއްގައި ކުޑަކުދިން ހިމާޔަތް ކުރުމަށް، ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ދުނިޔޭގެ ލީޑަރުންނާ ހުރިހާ އާއިލާތަކަކަށް ގޮވާލައްވާފައެވެ.

އދއިން ވަނީ ކޮވިޑް-19ގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތަކަށް އަލިއަޅުވާލައިގެން ހާއްސަ ރިޕޯޓެއްވެސް ލޯންޗުކޮށްފައެވެ.

މި ރިޕޯޓުގައި އޮތީ ކޮން ވާހަކައެއް؟

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ކުޑަކުދިންނަށް ކުރިމަތިލާންޖެހޭ މައިގަނޑު 4 ނުރައްކަލެއް ވަނީ ފާހަގަކޮށްފައެވެ.

1. ތައުލީމު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބިލިއަން ބަޔަކު މިވަނީ ގޭ ބަންދުވެފައެވެ. މިއާއެކު ދުނިޔޭގެ ހުރިހާ ހިސާބެއްގައި ތައުލީމު ހާސިލުކުރަމުންދާ ހުރިހާ ކުދިންހެން ވަނީ ސްކޫލަށް ދިއުންވެސް ހުއްޓާލާފައެވެ.

ބޮޑުވެފައިވާ ފެންގަނޑު ތެރެއިންލާފައި ކުއްޖަކު ސްކޫލަށް ދަނީ/ފޮޓޯ: ޔުނިސެފް

ޖިސްމާނީ ގޮތުން ސްކޫލަށް ހާޒިރުވާ ކުލާސްތައް ހުއްޓާލުމަށްފަހު އޮންލައިން ޕްލެޓްފޯމަށް ކުލާސްތައް ބަދަލުކޮށްފައިވާ ގައުމުތައްވެސް މަދެއް ނޫނެނެވެ. ނަމަވެސް މިއީ ހުރިހާ ދަރިވަރުންނަށް އެއް ހަމައެއްގައި ލިބެން އޮތް ވަސީލަތެއް ނޫންކަން ގަބޫލުކުރަންޖެހެއެވެ. ބައެއް ގައުމުތަކުގައި އިންޓަނެޓްގެ އަގު އިންތިހާއަށް ބޮޑުވުމާ، ސްޕީޑް ނުލިބުން ފަދަ މައްސަލަތައް ދިމާވާއިރު، މިއީ ބައެއް ދަރިވަރުންނަށް ކުރިމަތިލާންޖެހޭ ޑިސްއެޑްވާންޓޭޖެއްކަން އދގެ ސެކްރެޓަރީ ޖެނެރަލްވެސް ވަނީ ފާހަގަކުރައްވާފައެވެ.

2. ކާބޯތަކެތި

އދއިން ބުނާ ގޮތުގައި ސްކޫލަށް ދާ ދަރިވަރުންގެ ތެރެއިން 310 މިލިއަން ކުދިންނަކީ ދުވާލެއްގެ މައްޗަށް އެކުދިންގެ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހޯދުމަށްޓަކައި، ސްކޫލުން ފޯރުކޮށްދޭ ކާބޯތަކެއްޗަށް ބަރޯސާވެފައިވާ ކުދިންނެވެ.

ކޮވިޑް-19ގެ ކުރިންވެސް، މެލްނިއުޓްރިޝަން ނުވަތަ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބުމުގެ މައްސަލައަކީ ގިނަ އަދަދެއްގެ ދަރިވަރުންނަށް ކުރިމަތިލާންޖެހިފައިވާ މައްސަލައެއްކަން ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ.

އދއިން ފޯރުކޮށްދިން ކާބޯތަކެތީގެ އެހީ ހިފައިގެން ޣައްޒާގެ ކުޑަކުއްޖަކު ދަނީ/ފޮޓޯ: ފޮރިން ޕޮލިސީ

3. ރައްކާތެރިކަން

ކުރިންވެސް ދެންނެވިފަދައިން މުޅި ދުނިޔެ މިއޮތީ ލޮކްޑައުންވެފައެވެ. އިގުތިސޯދު ހީނަރުވެ، މާލީ ފަގީރުކަން ކުރިމަތިވެ، އާއިލާތައް ދަނީ ނުތަނަވަސްވަމުންނެވެ.

ކަންމިހެން އޮތްއިރު ގޭތެރެއިން ފެންނަ ގެވެށި އަނިޔާއާއި އެނޫންވެސް އެފަދަ ފުރައްސާރައާއި އަނިޔާއަށް ހުށަހެޅި އަދި އެފަދަ މަންޒަރުތައް ފެންނަ ބަޔަކަށް ކުޑަކުދިންވެފައިވާ މިންވަރު އިތުރުވަމުން އަންނަކަން އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށްފައި އޮތުމުން، މިފަދަ ޝަކުވާތައް އުފުލުމަށް ކުދިންނަށް މީގެ ކުރިން އޮތް ރައްކާތެރި މާހައުލުވެސް ވަނީ ބަންދުވެފައެވެ.

ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ލިބޭކަން ދައްކުވައިދޭ ޕޯސްޓަރެއް

ކަންމިހެން އޮތްއިރު، އަންހެން ކުދިން ސްކޫލުން ކެނޑޭ މިންވަރު އިތުރުވެ، ފުރާވަރު އުމުރުގައި ބަލިވެ އިންނަ ކުދިންގެ އަދަދު އިތުރުވެދާނެ ކަމުގެ އިންޒާރުވެސް އދއިންވަނީ ދީފައެވެ.

ދެން އޮތް ނުރައްކާ އަންނަނީ އޮންލައިން ޕްލެޓްފޯމުންނެވެ. އިންޓަނެޓް މެދުވެރިކޮށް ހިންގާ ޖިންސީ ގޯނާގެ ޖަރީމާތަކަށް ކުދިން ހުށަހެޅޭ މިންވަރު އިތުރުވެ، ނޭނގުމެއްގެ ތެރޭގައި ބޮޑު ކަންތައްގަނޑެއްގެ ތެރެއަށް ވަދެވޭ ކުދިންނާ މެދުވެސް އދއިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ރަހުމަތްތެރިނާ ދިމާ ނުވެ ގިނަ ދުވަސްތަކެއް ވާން ފެށުމުން، ޖިންސީ ފުރައްސާރަށް ހިތްވަރުދޭ މަންޒަރުތައްވެސް އެކި ޕްލެޓްފޯމްތަކުގައި ދައުރުކުރުމުގެ ނުރައްކާ އެބައޮތްކަން އދއިން ފާހަގަކުރެއެވެ.

ސައިބުލީ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހިންގާ އެކި ކަހަލަ ފުރައްސާރައިގެ އަމަލުތައްވެސް މި ދުވަސްވަރު ދަނީ އިތުރުވަމުންނެވެ.

ކްރައިމިއާގައި ދިރިއުޅޭ ކުޑަކުދިންތަކެއް ރޯދަވީއްލުމަކަށް އިންސާފުކުރަނީ/ފޮޓޯ: ހްރޯމްޑްސްކޭ

ކަންމިހެން އޮތްއިރު، މިފަދަ ކަންކަމުން ދަރިވަރުން ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ ޒިންމާއަކީ ބެލެނިވެރިންނާ ސަރުކާރުގެ މައްޗަށް އޮތް ކަމެއްކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ވިދާޅުވެފައެވެ. އަދި މިއީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް އޮޕަރޭޓްކުރާ ކުންފުނިތަކުންވެސް އުފުލަންޖެހޭ ޒިންމާއެއްކަން އދއިން ފާހަގަކުރެއެވެ.

4. ސިއްހަތު

ގެއަށް ލިބޭއާމްދަނީ މަދުވުމާއެކު، ސިއްހީ ގޮތުންނާ ކާބޯތަކެތި ހޯދުމަށް ފަގީރު އާއިލާތަކުން ކުރާ ހަރަދުތައް ކުޑަކުރުމަށް އެ އާއިލާތަކަށް މަޖުބޫރުވެއެވެ. މިކަމުގެ ސީދާ އަސަރު ކުރަނީ ކުޑަކުދިންނާ، މާބަނޑު އަންހެނުންގެ އިތުރުން، ގާތުން ކިރު ދޭ މައިންނަށްކަން އދއިން ފާހަގަކުރެއެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ވެކްސިން ޕްރޮގްރާމްތައް ވަނީ މަޑުޖައްސާލެވިފައެވެ. ޕޯލިއޯ ކެމްޕޭން ވަނީ ހުއްޓާލާފައެވެ. މީސަލްސް ނުވަތަ ހިމަބިއްޔާ ގުޅިގެން 23 ގައުމެއްގައި ހިންގި ކެމްޕޭންތައް މަޑުޖައްސާލާފައިވާކަން އދއިން ފާހަގަކުރެއެވެ.

ޔަމަނު ހަނގުރާމާގައި އަނިޔާ ލިބިފައިވާ ކުޑަކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ/ފޮޓޯ: އަނދޯލޫ

ކޮވިޑް-19އާއެކު ސިއްހީ ނިޒާމުތައް އިނދަޖެހެމުންދާއިރު އެކި ބަލިތަކަށް ބޭސްކުރާ ކުދިންނަށް އެކަށީގެންވާ ފަރުވާ ނުލިބެއެވެ. ދުނިޔެއަށް ކުރިމަތިވަމުން އަންނަ ހީނަރުކަން އިތުރުވަމުންދާ ވަރަކަށް، މިހިނގާ 2020 ވަނަ އަހަރަކީ އިތުރު އެތައް ސަތޭކަ ހާސް ކުދިންނެއް މި ދުނިޔެއާއި ވަކިވެ ހިނގައިދާނެ އަހަރެއްކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

ގުޓެރޭޒްގެ އިންޒާރު

ކަންމިހެން އޮތްއިރު، ކުޑަކުދިންނަށް ކުރިމަތިވެފައި މިވާ ނުރައްކާތަކުން އެ ކުދިން ސަލާމަތް ކުރުމަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭކަމަށް ގުޓެރޭޒް ވަނީ ގޮވާލައްވާފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ދުނިޔެ އިނދަޖެހެމުންދާއިރު އެކަމުން ލިބޭ އަނިޔާ ކުޑަކުރުމަށް ދުނިޔޭގެ ލީޑަރުން މަސައްކަތް ކުރެއްވުމަށްވެސް ގުޓެރޭޒްގެ މެސެޖުގައި ވަނީ ގޮވާލައްވާފައެވެ.

މިދަނޑިވަޅުގައި ކުޑަކުދިންގެ ތައުލީމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އދއިން ވަނީ ސަރުކާރުތަކާ ޑޯނަރުންނަށް ގޮވާލާފައެވެ. އެގޮތުން ދަށް ފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ، ކުޑަކުދިންނަށް ލިބެންޖެހޭ އިޖުތިމާއީ އަދި ސިއްހީ ހިދުމަތްތަކަށް ނޭޅޭނެ ގޮތްތައް ކަށަވަރު ކުރުމަށްވެސް އދއިން ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ޔަމަނުގެ ހޮސްޕިޓަލެއްގެ ކައިރިއަށް އަމާޒުކޮށް ދިން މިސައިލް ހަމަލާގައި ޒަހަމްވި ކުޑަކުއްޖަކަށް ފަރުވާދެނީ/ފޮޓޯ: އޭއެފްޕީ-ގެޓީއިމޭޖަޒް

ވަކިން ހާއްސަކޮށް، ނާޒުކު ހާލުގައި ތިބި ކުދިންނަށް ސަމާލުވުމަށް އދއިން ވަނީ ބާރުއަޅާފައެވެ. މި ކުދިންގެ ތެރޭގައި ހިމެނެނީ، ހަނގުރާމައިގެ މައިދާންތަކުގައި ބޮޑުވަމުން އަންނަ ކުދިންނާ، ރެފިއުޖީ ކުދިންނާ، ގެދޮރު ގެއްލިފައިވާ ކުދިންނާ، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނެވެ.

ކޮވިޑް-19 ފެށިގެން އައި ބަލިމަޑުކަމެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް، މިއަދު މިކަމަކީ އެއްވެސް މީހަކު ބާކީ ނުކުރުމަށް ދުނިޔެއިންވީ ވައުދު ފުއްދަމުންދާ ގޮތް ވަޒަން ކުރުމަށް އޮތް އިމްތިހާނަކަށް ވެފައިވާކަމަށް ގުޓެރޭޒް ވަނީ އަދުގެ ހާލަތު ސިފަކުރައްވާފައެވެ.