ރިސޯޓްތަކުންނާއި މާލެއިން ރަށްރަށަށް ދިޔަ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޝައްކުވާ އެއްވެސް އަލާމާތެއް ފެންނަނަމަ ލަސްނުކޮށް އެކަން އެންގުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން އަންގައިފިއެވެ.
އެޗްޕީއޭން ރޭ ނެރުނު އެންގުމެއްގައި ބުނީ ވޭތުވެދިޔަ ތަނުގައި ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި މާލެއިން ރަށްރަށަށް ދިޔަ މީހުން ކިރިޔާވެސް އަލާމާތެއް ފެނިއްޖެނަމަ އެކަން ލަސްނުކޮށް އެޗްޕީއޭއަށް އަންގަން ޖެހޭނެ ކަމަށެވެ.
މާލެއިން މިދިޔަ ބުދަ ދުވަހު ވަނީ ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައެވެ. އެ މީހާއާ ކޮންޓެކްޓްވި ހަތަރު މީހަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ. އެންމެ ފުރަތަމަ މާލެއިން ޕޮޒިޓިވްވި މީހާއާ ދެވަނައަށްވީ މީހާގެ ކޮންޓެކްޓްސްގައި 200 އަށްވުރެ ގިނަ މީހުން ތިބިއިރު ބައެއް ރަށްރަށުގައި ވެސް އެމީހުން އެބަ ތިބި ކަމަށް އެޗްޕީއޭއިންވެސް ވަނީ ބުނެފައެވެ.
ރާއްޖެ ޓޫރިސްޓުން އައުން މަނާ ކުރުމާއެކު ރިސޯޓްތަކުން ޓޫރިސްޓުން ހުސްވެ ބަންދު ކުރުމާއެކު އަދި ޓޫރިސްޓުން ރިސޯޓުން ފޭބިތާ 14 ދުވަސްވުމާއެކު ގިނަ ރިސޯޓް މުވައްޒަފުން ވަނީ އެމީހުން ރަށްރަށަށް ފުރަފުރައިގެން ގޮސްފައެވެ. އެ މުވައްޒަފުން ރިސޯޓުތަކުން ފޭބުމުގެ ހުއްދަ ދީފައި ވަނީ ޓެސްޓް ހެއްދުމަށްފަހުއެއް ނޫނެވެ.