މާލެ އިން އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް ރޭ ޕޮޒިޓިވް ވެފައިވާ ދެ މީހުންނަކީ މާލެއިން މި ބައްޔަށް ތިންވަނައަށް ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓްސް ކަމަށެވެ. އެ ދެ މީހުންވެސް މިހާރު ތިބީ ކަރަންޓީނު ފެސިލިޓީގައި ކަމަށާއި، އެމީހުން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.

ރޭ ކޮވިޑް-19 އަށް މާލެއިން ދެ މީހަކު ޕޮޒިޓިވް ވެފައިވުމުން މާލެ އިން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ ފަހަކަށް އަރާފައެވެ. އަދި ރާއްޖެއިން މި ބަައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 25 އަށް އަރާފައެވެ.

އިތުރު ދެ ދިވެހިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާ ގުޅިގެން، މާލެ ސިޓީ ވަނީ 24 ގަޑިއިރަށް ލޮކްޑައުންގެ ހާލަތަށް ގެނެވިފައި ވަނީ މިދިޔަ ބުދަ ދުވަހެވެ. އަދި 24 ގަޑިއިރު ހަމަވުމުން އިތުރު 24 ގަޑިއިރަށް މިހާތު ވަނީ ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފައެވެ.

ކޮވިޑް-19ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިރޭ ޕޮޒިޓިވްވި ދެ މީހުންނާއި އެކު 25 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރޭގައި 10 ދިވެއްސަކު މި ވަނީ ޕޮޒިޓިވްވެފައެވެ. އަދި އޭގެތެރެއިން 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުންވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައެވެ.