އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި އިއުލާނެއްގައި ބުނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން މިއަދު އިރުއޮއްސި 6:00 އިން ފެށިގެން، މާލެ ސަރަހައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ފިޔަވައި، ރާއްޖޭގެ ހުރިހައި ރަށެއްގައި، ވަކި ގޮތެއް އަންގަންދެން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
އެ އެންގުމާއެކު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައިހިމެނެނީ، ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށާއި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެ ނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުމާއި ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެއެޅުން ހުއްޓައިލުން ހިމެނެއެވެ.
ވަކިން ހާއްސަކޮށް ޕާޓީތަކާއި ހަފްލާތައް ބޭއްވުމާއި މާހެފުމާއި ދަތުރުދިޔުމާއި މޫދަށް އެރުމާއި ކުޅިވަރުކުޅުމާއި އިޖުތިމާޢީ އެނޫން ހަރަކާތްތައް ބޭއްވުން ވެސް ހުއްޓައިލުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން ބަލިން ރައްކައުތެރިވުމަށް ކަމާބެހޭ އިދާރާތަކުން ދިފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހައި ވަގުތެއްގައިވެސް އަމަލުކުރުމާއި، ޒަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުމާއި ވޭތުވެދިޔަ ތަނުގައި، މާލެއިންނާއި، ރިޒޯޓުތަކުންނާއި، ސަފާރީތަކުން ރަށްރަށަށް ދަތުރު ކޮށްފައިވާ ފަރާތްތަކުން ކޮވިޑް-19 އަށް ޝައްކުވާ އަލާމަތެއް ފެނިއްޖެނަމަ، ލަސްނުކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެންގުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 23 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި 15 ބިދޭސީންނެވެ. މިދިޔަ އަންގާރަ ދުވަހު މާލެއިން ކޮވިޑް-19 އަށް ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވުމާއެކު ކޮންޓެކްޓް ޓްރޭސިން ހެދުމަށް މިވަގުތު މާލޭ ސަރަހައްދު އޮތީ ލޮކްޑައުނެއްގައެވެ.