ރާއްޖޭގައި މިވަގުތު ކޮވިޑް-19ގެ ހާލަތު އޮތް ގޮތުން ގޭގައި ތިބޭ އިރު ފާއިތުވި 14 ދުވަހުގެ ތަފްސީލް އެނގޭނެހެން ޑައިރީއެއް އަމިއްލައަށް ލިޔުމަކީ މުހިއްމުކަމެއް ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މުހއްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވަނީ، މާލެ ލޮކްޑައުން ކޮށްފައިވާ ހާލަތުގައި ގޭގައި ތިބޭ އިރު ކޮންމެ މީހަކުވެސް ކޮށްލަން މުހިއްމު ކަމެއް ފާހަގަ ކުރައްވާފައެވެ. އެގޮތުން އިއްޔެއިން ފެށިގެން 14 ދުވަސް ވަންދެން އެމީހަކު ދިޔަ ތަންތަނާއި ދިޔަ ވަގުތަކާއި ދިމާވީ ކޮން ބަޔަކާ ކަމާއި ދިމާވި ބަޔަކާއެކު ކިހާ ވަގުތެއް ހޭދަކުރިތޯ އެނގޭނެހެން ތަފްސީލް ލިޔަން އޭނާ އެދިވަޑައިގަތެވެ.
އޭގެ ބޭނުމަކީ ކޮންޓެކްޓް ޓްރޭސިން ހަދަން ޖެހުނަސް ފަސޭހަކުރުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މާލެއިން 11 ގެއެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.
އެޗްޕީއޭއިން އާންމު ކޮށްފައިވާ ލިސްޓު:
- ހުލުމާލެ ލޮޓް 11090
- ހ. ރަތްކުރެދި އާރު
- މ. ފީރޯޒުގެ 6 ބީ
- މ. ލޯކަށި 3 ސީ
- މ. ސޯސަންމާގެ
- ހ. ފެނިގެއްލިދާގެ 7 ވަނަ ފްލޯ
- ހުޅުމާލެ ފްލެޓް 02-2-6
- އަމީން އެވެނިއު ޓީކް 905
- މ. ނާގޯށިވިލާ 2 ވަނަ ފްލޯ
- ހުޅުމާލެ ލޮޓް 11962
- މއ. އޯކިޑް
މާލޭގައި މިހާރު ކޮވިޑް-19 ބަލިފެތުރެމުން ދާއިރު އެ ބަޅި ޖެހުނު މީހަކާ ދިމާވެފައިވާ މީހުން ދެނެގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން މާލެއިން ތިން ފަރާތެއް މި ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު އޭގެތެރޭގައި މަންމައަކާއި އޭނާގެ ދަރިފުޅު ހިމެނެއެވެ. އެ ދެމީހުންގެ ކޮންޓްކެޓް ޓްރޭސިން ހެދި މިހާރުވެސް ވަނީ 207 ފަރާތެއް ދެނެގަނެވިފައެވެ، އަދި ތިންވަނައަށް މާލެއިން ޕޮޒިޓިވްވި ފަރާތުގެވެސް ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި 35 ފަރާތެެއް ވެސް ވަނީ ހޯދިފައެވެ.