ކާށިދޫގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެރަށު ކައުންސިލަގެ ރައީސް އަލީ ސުލްތޯން ވިދާޅުވީ މިވަގުތު ކާށިދޫގެ ހާލަތަށް ބަލާ އެގޮތަށް ނިންމެވީ ކަމަށެވެ.

އެރަށު މީހަކު "ދަ ޕްރެސް"އަށް މައުލޫމާތު ދެމުން ބުނީ ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ކައުންސިލުން "ލައުޑް ސްޕީކާ" ބޭނުން ކޮށްގެން ރަށުތެރޭގައި ގޮވާފައިވާ ކަމަށެވެ.

ކާށިދޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާ މާދަމާ ހުކުރު ނަމާދު ނުކުރަން އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އެ ރަށު ކައުންސިލަށް އަންގައިފައެވެ. އިސްލާމިކް މިނިސްޓްރީގެ އެންގުމުގައިވާ ގޮތުން މިއަދު މެންދުރު ނަމާދުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވޭނެ ކަމަށް ބުނެފައިވާ ކަމަށް އެރަށު މީހަކު ވަނީ މައުލޫމާތު ދީފައެވެ. މީގެ އިތުރުން ކާށިދޫގެ ގެއެއް ވެސް މިހާރު ވަނީ ކަރަންޓީން ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

ކ. ކާށިދޫ އަށް އަރާފޭބުން މަނާކޮށް ކޯޑަން ކޮށްފައި ވަނީ އިއްޔެއެވެ. މީގެ އިތުރުން، ކޮވިޑް-19 ބައްޔާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށް ބުނެ، ކާށިދޫން މީހުން އަރާ ފޭބުން މަނާކުރުމަށް އަންގާ ޑިރެކްޓާ ޖެނެރަލް ވަނީ ކާށިދޫ ކައުންސިލް އިދާރާއަށް ވެސް ލިއުމެއް ފޮނުއްވާފައެވެ.

ކާށިދޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވާއިރު، ފުރަތަމަ ފަހަރަށް މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ވަނީ ފެނިފައެވެ. އަދި މިކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ދާއިރު، ޕޮޒިޓިވް ވި މީހަކީ ކައިރި ތާރީހެއްގައި ރާއްޖެއިން ބޭރަށް ގޮސްފައިވާ މީހެއް ނޫން ކަމަށް އެޗްޕީއޭން ވަނީ ބުނެފައެވެ.

އެޗްޕީއޭން ބުނީ، އޭނާ ޕޮޒިޓިވްކަން އެނގިފައި ވަނީ ރޭ އޭނާ ފްލޫ ކްލިނިކަށް ދެއްކުމުން، އޭނާގެ ސާމްޕަލް ނަގާ ހެއްދި ޓެސްޓަކުން ކަމަށެވެ. މާލެއިން މީހަކު ޕޮޒިޓިވް ވުމާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިވަނީ 21 އަށް އަރާފައެވެ.

ކާށިދޫ ކޯޑަން ކޮށްފައިވަނީ މާލެއިން ޕޮޒިޓިވްވި މީހާ (ކޭސް 21) އާ ކްލޯޒް ކޮންޓެކްޓް ވި މީހަކު ދާދިފަހުން އެރަށަށް ޒިޔާރަތް ކޮށްފައިވާތީ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް މިކަން އެޗްޕީއޭއިން ކަށަވަރު ކޮށެއް ނުދެއެވެ.