ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން އެމެރިކާގައި ހަލުވިމިނެއްގައި ފެތުރެމުންދާއިރު، އެ ސްޓޭޓްގެ ޖަލުތަކުގައި ތިބި ގައިދީން ދޫކޮށްލުމަށް ވޮޝިންގްޓަން ސްޓޭޓްގެ ގަވަރުނަރު ޖޭ އިންސްލީ، ހާއްސަ އަމުރެއްގައި ސޮއިކުރައްވައިފިއެވެ.

ރޭގެ ވަގުތެއްގައި ސޮއިކުރެއްވި މި ގަރާރު ބުނާ ގޮތުގައި، އަންނަ ހަފުތާގައި ގައިދީން ދޫކޮށްލެވޭނެއެވެ.

މި ނިންމުމަކީ އެމެރިކާގެ ސުޕްރީމް ކޯޓުގެ އޯޑަރަކަށް ނިންމި ނިންމުމެއް ކަމަށް ޚަބަރު ލިބެއެވެ. އެމެރިކާގެ ސުޕްރީމް ކޯޓުން ވޮޝިންގްޓަން ސްޓޭޓްގެ މައްޗަށް މިފަދަ އަމުރެއް ނެރެފައިވަނީ، މޮންރޯގައި ހިންގާ މިނިމަމް ސެކިއުރިޓީ ޖަލެއްގައި ތިބި ގިނަ އަދަދެއްގެ ގައިދީންތަކެއް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި އޮތުމާ ގުޅިގެން، ގައިދީންނަށް ކުރިމަތިވެފައިވާ ސިއްހީ ނުރައްކަލުގެ ހާލަތަށް ރިއާޔަތް ކުރުމަށް ގޮވާލަމުންނެވެ.

ގަވަރުނަރު އިންސްލީ ނެރުއްވި އަމުރުގައިވާ ގޮތުން، ހުކުމް ތަންފީޒު ކުރުމުގެ މުހުލަތު ހަމަވުމުގެ ކުރިން މިނިވަން ކުރަން ހަމަޖެހިފައިވާ ގައިދީންނަކީ، ޖޫން 29ގެ ނިޔަލަށް އެ މުއްދަތު ހަމަވާ މީހުންގެ ތެރެއިން، ނުރައްކާތެރި ކުއްތަކަށް އަރައިގަތުމާ، ޖިންސީ ފުރައްސާރައާއި ގޯނާގެ މައްސަލަތައް ނޫން އެހެން މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނެވެ.

އެމެރިކާގެ ޖަލެއް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓީ: ކާމިލް ކްރިޒިންސްކީ

މި އަމުރުގެ ދަށުން މިނިވަންކުރާނީ ކިހާ ގައިދީންނެއް ކަން އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް ކޯޓަށް ހުށަހަޅާފައިވާ ބައެއް ލިއެކުންތަކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، ގާތްގަނޑަކަށް 600-900 އާ ދެމެދު އަދަދަކަށް ގައިދީން ދޫކޮށްލުމުގެ މަސައްކަތް ކުރިއަށެވެ.

އެމެރިކާގެ އަދުގެ ހާލަތަށް ބަލާއިރު 644089 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި 28529 މީހަކު ވަނީ އެ ބަލީގައި މަރުވެސްވެފައެވެ.