މާލޭ ލޮކްޑައުން ކުރުމާއި ގުޅިގެން މާލޭގައި ގެދޮރުނެތް މީހުންނަށް އެހީތެރިވެ ކާބޯތަކެތި ބަހާ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ބުނީ ގެދޮރު ނެތް މީހުންނަށް ސަރުކާރުން ހަމަޖައްސާފައިވާ ކާބޯތަކެތި މާފަންނު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ އޮފިސަރުން ބަހާފައިވާ ކަމަށެވެ. ގެދޮރުނެތް ފަރާތްތަކަށް ސަރުކާރުގެ އިދާރާތަކާއި މޯލްޑިވިއަން ރެޑްކްރެސެންޓް ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ވެސް ހަމަޖައްސާފައި ވާކަމަށް ފުލުހުން ބުނެެއެވެ.

އެގޮތުން ގެދޮރުނެތް 24 ފަރާތެއް ހޯދައި ވަގުތީ ހިޔާތަކަށް ގެންގޮސްދީފައި ވާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

މާލެ ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި މާލޭގައި ގެފޮރުނެތް މީހުންނަށް ސަރުކާރުން މި ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާ ގުޅިގެން، މާލެ ސިޓީ ވަނީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ. ލޮކްޑައުންގެ ހާލަތުގައި، މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން ވަނީ މަނާ ކޮށްފައެވެ.

މީގެއިތުރަށް މާލެ ސަރަހައްދުގައި ދަތުރު ކުރާ ބަހާއި ފެރީގެ ހިދުމަތްވެސް ވަގުތީ ގޮތުން މެދުކަނޑާލައި، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅަށް މީހުން އަރައި ފޭބުންވެސް ވަނީ މަނާ ކޮށްފައެވެ. އަދި މާލެ ސިޓީ ލޮކްޑައުންގެ ހާލަތަކަށް ގެނެވިފައި ވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރު ކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުން ވަނީ މަނާކޮށްފައެވެ.

ކޮވިޑް-19ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، ރޭ ޕޮޒިޓިވްވި މީހާއާއި އެކު 23 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރޭގައި 8 ދިވެއްސަކު މި ވަނީ ޕޮޒިޓިވްވެފައެވެ. އަދި އޭގެތެރެއިން 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުންވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައެވެ.