ކޮވިޑް-19ގެ އަލާމާތްތަކާއެކު 14 މީހަކު ހުޅުލޭ އައިސޮލޭޓްން ފެސިލިޓީގައި އެކަހެރިކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ހެނދުނު ކޮވިޑް-19 އަށް މާލެއިން ޕޮޮޒިޓިވްވި މީހާއާ ކޮންޓެކްޓްވެފައިވާ ބައެއްގެ ކިބައިން މި ބަލީގެ އަލާމާތްތައް ފެނި ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި ކުޑަ ކުއްޖަކު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާ ގުޅިގެން، މާލެ ސިޓީ ވަނީ 24 ގަޑިއިރަށް ލޮކްޑައުންގެ ހާލަތަށް ގެނެވިފައެވެ. ލޮކްޑައުންގެ ހާލަތުގައި، މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން ވަނީ ވަގުތީގޮތުން މަނާ ކޮށްފައެވެ. މީގެއިތުރަށް މާލެ ސަރަހައްދުގައި ދަތުރު ކުރާ ބަހާއި ފެރީގެ ހިދުމަތްވެސް ވަގުތީ ގޮތުން މެދުކަނޑާލައި، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅަށް މީހުން އަރައި ފޭބުންވެސް ވަނީ މަނާ ކޮށްފައެވެ. އަދި މާލެ ސިޓީ ލޮކްޑައުންގެ ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރު ކޮށްފައިވާ އެއްވެސް އުޅަނދެއް ފުރުން ވެސް ވަނީ މަނާކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 22 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 7 ދިވެއްސަކު ހިމެނެއެވެ. އަދި އޭގެތެރެއިން 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުންވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައެވެ.