މިއަދު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި 10 މީހަކު ބައްޔަށް ނެގެޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ބައްޔަށް ޓެސްޓް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި 11 މީހެއްގެ ސާމްޕަލް ގެ ތެރއިން 10 މީހެއްގެ ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށެވެ.

މި ބައްޔަށް މާލެއިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މާލެ ވަނީ 24 ގަޑިއިރަށް ލޮކްޑައުންކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައެވެ.

އެގޮތުން މާލެއިން ކޮވިޑް-19 ޖެހުނު މީހާ ފެނުނު މ. ޖަރީމާގެ އާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހ. ރަތް ކުރެދީގެ 4 ވަނަ ފަންގިފިލާ ވަނީ މޮނިޓަރިންއަށް ގެންގޮސްފައެވެ. އަދި މާލޭގެ އެލާޓް ސްޓޭޓަސް އަކީ ރެޑް ލެވެލް 4 ކަމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫންވެސް ވަނީ ގެއެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އަދި ކ. ކާށިދޫވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 22 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 7 ދިވެއްސަކު ހިމެނެއެވެ. އަދި އޭގެތެރެއިން 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުންވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައެވެ.