އިއްޔެ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި 3 ވަނަ މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެއިން އިއްޔެ ހެނދުނު ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ މިއީ މާލެއިން މި ބައްޔަށް ޕޮޒިޓިވްވި ތިން ވަނަ މީހާ ކަމަށެވެ. ނަމަވެސް މި ކޭސްއާ ބެހޭ އިތުރު މައުލޫމާތެއް އަދި އެޗްޕީއޭން ހާމަކޮށްފައެއް ނުވެއެވެ.
މިއަދު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި 10 މީހަކު މި ބައްޔަށް ނެގެޓިވްވެފައިވާއިރު، ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި 14 މީހަކު ހުޅުލޭ އައިސޮލޭޓްން ފެސިލިޓީގައި އެކަހެރިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާ ގުޅިގެން، މާލެ ސިޓީ ވަނީ 24 ގަޑިއިރަށް ލޮކްޑައުންގެ ހާލަތަށް ގެނެވިފައެވެ.
އެގޮތުން މާލެއިން ކޮވިޑް-19 ޖެހުނު މީހާ ފެނުނު މ. ޖަރީމާގެ އާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހ. ރަތް ކުރެދީގެ 4 ވަނަ ފަންގިފިލާ ވަނީ މޮނިޓަރިންއަށް ގެންގޮސްފައެވެ. އަދި މާލޭގެ އެލާޓް ސްޓޭޓަސް އަކީ ރެޑް ލެވެލް 4 ކަމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫންވެސް ވަނީ ގެއެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އަދި ކ. ކާށިދޫވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.
ކޮވިޑް-19ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިރޭ ޕޮޒިޓިވްވި މީހާއާއި އެކު 23 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 8 ދިވެއްސަކު މި ވަނީ ޕޮޒިޓިވްވެފައެވެ. އަދި އޭގެތެރެއިން 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުންވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައެވެ.