މާލެއިން ކޮރޯނާވައިރަސް ޖެހުނު މީހާ ފެނުނު މ. ޖަރީމާގެ އާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހ. ރަތް ކުރެދީގެ 4 ވަނަ ފަންގިފިލާ މޮނިޓަރިންއަށް ގެންގޮސްފައި ވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މާލޭގައި މިއަދު ޕޮޒިޓިވް ވި ދިވެހި އަންހެން މީހާއަކީ ރާއްޖެއިން ޕޮޒިޓިވް ވީ މީހަކާ ކޮންޓެކްޓެއް އޮތް މީހެއް ނޫން ކަމަށާއި އަދި ރާއްޖެއިން ބޭރަށް ފަހުގެ ތާރީހެއްގައު ދަތުރުކޮށްފައި ވާ މީހެއް ނޫން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. މިއަދު މާލެއިން ޕޮޒިޓިވް މީހާއަކީ މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި 21 ވަނަަ ކޭސްއެވެ. މީގެ އިތުރުން މިހާރު ވަނީ 21 ވަނަ ކޭސްއާ ޑައިރެކްޓް ކޮންޓެކްޓް ވި އިތުރު މީހަކު ޕޮޒިޓިވް ވެފައެވެ.

މާލެއިން ޖަރީމާގެ އާއި ރަތް ކުރެދީގެ 4 ވަނަ ފަންގިފިލާ މޮނިޓަރިންއަށް ގެންގޮސްފައި ވާއިރު، މާލެއިން މީހަކު ޕޮޒިޓިވް ވުމާއެކު މާލޭގެ އެލާޓް ސްޓޭޓަސް އަކީ ރެޑް ލެވެލް 4 ކަމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫންވެސް ވަނީ ގެ އެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.

މީގެ އިތުރުން ކ. ކާށިދޫވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއީ ޕޮޒިޓިވް ވި އަންހެންމީހާގެ ކްލޯސް ކޮންޓެކެޓް ވެފައިވާ ފަރާތެއް އެރަށަށް ދަތުރުކޮށްފައި ވާތީއެވެ.

މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާ ގުޅިގެން، މާލެ ސިޓީ ވަނީ 24 ގަޑިއިރަށް ލޮކްޑައުންގެ ހާލަތަށް ގެނެވިފައެވެ. ލޮކްޑައުންގެ ހާލަތުގައި، މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން ވަނީ ވަގުތީގޮތުން މަނާ ކޮށްފައެވެ. މީގެއިތުރަށް މާލެ ސަރަހައްދުގައި ދަތުރު ކުރާ ބަހާއި ފެރީގެ ހިދުމަތްވެސް ވަގުތީ ގޮތުން މެދުކަނޑާލައި، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅަށް މީހުން އަރައި ފޭބުންވެސް ވަނީ މަނާ ކޮށްފައެވެ. އަދި މާލެ ސިޓީ ލޮކްޑައުންގެ ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރު ކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުން ވެސް ވަނީ މަނާކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 22 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 7 ދިވެއްސަކު ހިމެނެއެވެ. އަދި އޭގެތެރެއިން 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުންވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައެވެ.