މާލެ ލޮކްޑައުނާ ގުޅިގެން ޓެލިކިލާސްތައް މެދުކަނޑާލައިފައިވާ ކަމަށް އެޑިއުކެޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަނުން ބުނީ މާދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން ޓެލިކިލާސްތައް މެދުކަނޑާލެވިފައިވާ ކަމަށެވެ. އެގޮތައް ނިންމާފައި ވަނީ މާލެ އިން މީހަކު ޕޮޒިޓިވްވެ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވާތީ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

‏2020 އޭޕްރިލް 15ގެ މެންދުރުފަހު 3:30ގެ ފަހުން ފެށިގެން 24 ގަނޑިއިރުގެ މުއްދައްތަކަށް މާލެ ސަރަހައްދު ފުރަބަންދުކުރުމާއި ގުޅިގެން މާދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން ޓެލިކިލާސްތައް މެދުކަނޑާލެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަން.
އެޑިއުކޭޝަން

ޓެލެކިލާސްތައް މެދުކަނޑާލާފައި ވާއިރު، "ދަ ޕްރެސް"އަށް މައުލޫމާތު ދެމުން އެޑިއުކޭޝަނުން ބުނީ "ފިލާ ޕޯޓަލް" އިން ޑިޖިޓަލް ކޮށް މިހާތަނަށް ގެނެސްދީފައިވާ ހުރިހާ ފިލާވަޅުތަކެއް ދަރިވަރުންނަށް ލިބޭނެ ކަމަށެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ އޯލެވެލް އިމްތިހާނަށް ތައްޔަރާރުވަމުން އަންނަ ދަރިވަރުންނަށް ހާއްސަ ސަމާލުކަމެއް ދީގެން ގޭގައި އެކުދިން ތިބެގެން ކިޔެވުމުގެ އިންތިޒާމް ހަމަޖައްސާދީފައެވެ.

ފުރަތަމަ ޓާމުގެ މިޑް ޓާމް ހޮލިޑޭސްއަށް ފަހު މި ދިޔަ މަހުގެ 15 ގައި ސްކޫލް ހުޅުވުމަށް ހަމަޖެހިފައި ވީ ނަމަވެސް ކޮވިޑް-19އާ ގުޅިގެން ސްކޫލްތައް ހުޅުވުން ވަނީ ފަސްކޮށްފައެވެ. އަންނަ ހަފްތާގައިވެސް ސްކޫލް ހުޅުވުން ފަސްކޮށްފައިވާ ކަން މިނިސްޓްރީން އިއުލާންކޮށްފައިވާ އިރު މިހާރު ސްކޫލް ހުޅުވުން މި ވަނީ ފަސް ހަފްތާއަށް ފަސްކުރެވިފައެވެ.