ބޭނުމެއް ނެތި ބޭރުގައި އުޅޭ މީހުން ކަރްނޓީން ކުރަން ފެސިލިޓީ ތަކަށް ގެންގޮސް 14 ދުވަސް ހަމަކުރަން ޖެހޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވީސުން އަންގައިފިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލުހުން ބުނީ މާލެ ލޮކްޑައުންގައި އޮންނައިރު ބޭރުގައި އުޅޭ ފަރާތްތަކާއި މެދު މިފަހަރު ހަރުކަށިކޮށް ފިޔަވަޅު އަޅާނެކަމަށެވެ. އެގޮތަށް ބޭރުގައި އުޅޭ ފަރާތްތަކުން ދާތަންތަނުގެ މައުލޫމާތު ސާފު ކުރެވޭނެ ކަމަށާއި، ޒަރޫރީ ބޭނުމެއްނެތި ބޭކާރު ގޮތުގައި އުޅޭނަމަ މިފަހަރު ޖުރިމަނާ ކުރާނެކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ބޭރުގައި އުޅޭ މީހުންގެ ތެރެއިން ކަރަންޓީން ފެސިލިޓީއަކަށް ގެންދަންޖެހޭ ވަރުގެ މީހަކު ހުރިނަމަ އެމީހަކު ކަރަންޓީން ފެސިލިޓީއަށްވެސް ގެންދާނެކަމަށެވެ.

މާލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހަކު ފެނުމާގުޅިގެން މާލެ 24 ގަޑިއިރަށް ލޮކްޑައުން ކޮށް، ފުލުހުންގެ ފިޔަވަޅުތައް ވަނީ ހަރުކަށި ވެފައެވެ. މާލެ ލޮކްޑައުން ކޮށްފައިވާއިރު، މީގެ ކުރިން ވަނީ މާލޭގައި އެއް ހަފްތާއަށް، ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް ކާފިއު އިއުލާން ކޮށްފައެވެ. އަދި އެޗްޕީއޭގެ ގަވައިދާ ހިލާފަށް އުޅުނު މީހުންނަށް ވަނީ ފިޔަވަޅުވެސް އަޅާފައެވެ.