މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓީވްވި މީހާ އާ ބައްދަލުވި މީހުން އައްޑޫ އާއި ގދ. ވާދޫގައި އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަދު ދަރުބާރޫގޭގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، އަތޮޅު ތެރޭގައިވެސް މާލެއިން ޕޮޒިޓިވްވި މީހާ ގުޅުން ހުރި ބަޔަކު އެބަތިބި ކަމަށެވެ. އަދި އެ މީހުންވެސް އައިސޮލޭޓްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އައްޑޫ އަދި ވާދޫއިން ބަޔަކު އައިސޮލޭޝަނަށް ލާފައިވާއިރު، މާލެއިން ޕޮޒިޓިވްވި މީހާއާ ކޮންޓެކްވިކަމަށް ބެލެވޭ މީހަކު ކ. ކާށިދޫއަށް ދަތުރު ކޮށްފައިވާތީ އެރަށްވެސް މިހާރު ވަނީ ކަރަންޓީންކޮށް، ރަށަށް އަރާ ފޭބުން މަނާކޮށްފައެވެ.

މާލެއިން މިއަދު ފުރަތަމަ ފަހަރަށް ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނުމާއި ގުޅިގެން މާލެ މިހާރު ވަނީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ. އެއީ މާލެއިން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމަށް ކަމަށްވާއިރު ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރު، އާންމުންގެ މެދުގައި ވަނީ ބޮޑުވެފައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު، މިހާރު ރާއްޖެއިން ޕޮޒިޓިވް ވެފައި ވަނީ ޖުމްލަ 21 މީހެކެވެ. އެއީ 15 ބިދޭސީންނާއި 6 ދިވެހިންނެވެ. އޭގެ ތެރެއިން 16 މީހަކު ވަނީ މިހާރު ރަނގަޅުވެފައެވެ.