ކުޑަކުދިނާއި އުމުރުން ދުވަސްވީ މީހުން އަދި މާބަނޑުމީޙުން ބޭރަށް ނުދިއުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަލީ ލަތީފް ވިދާޅުވީ، ކޮވިޑް-19 ފެތުރުމަކީ ބޮޑު ބިރުވެރިކަމެއް ކަމަށެވެ.

ވަކިން ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނާއި ކުޑަކުދިން ބޭރަށް ދިއުމަކީ ރައްކާތެރިކަމެއް ނޫން ކަމަށާއި ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 ޖެހުުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންނާއި ކުޑަކުދިން ހިމެނޭ ކަމަށްވެސް ޑޮކްޓާ ވިދާޅުވިއެވެ.

އެހެންކަމުން ބަލިން ރައްކާތެރިވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށާއި އެގޮތުން ކުރެވޭނެ އެންމެ މުހިންމު ކަމަކީ އިޖުތިމާއީގައިދުރުކުރުން ކަމަށްވެސް ޑޮކްޓާ ވިދާޅުވިއެވެ.

"އުމުރުން ދުވަސްވީ މީހުން، 65 އަހަރުން މަތީ ބޭފުޅުން އަޅުގަނޑުމެން އެދެނީ ބޭރަށް ވަޑައިނުގަތުން. މާބަނޑު މީހުންވެސް ކުޑަކުދިންވެސް ބޭރަށް ވަޑައިނުގަތުން" ޑރ. ލަތީފް

މީގެ އިތުރުން ޑރ. ލަތީފް ވިދާޅުވީ އެ ފަރާތްތަކުން ރައްކާތެރުވުމަށް އިލްތިމާސް ކުރުމަކީ ޒުވާނުންނަށްވެސް އަދި އެހެން އުމުރުފުރާތަކުގެ މީހުންނަށްވެސް މި ބަލި ނުޖެހުން ނޫން ކަމަށާއި އެހެންކަމުން ހުރިހާ ފަރާތްތައްވެސް މިވަގުތު ފަރުދީ ޒިންމާ އަދާކޮށް ގޭގައި ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.

މާލެއިން މިއަދު ފުރަތަމަ ފަހަރަށް ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނުމާއި ގުޅިގެން މާލެ މިހާރު ވަނީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ. އެއީ މާލެއިން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމަށް ކަމަށްވާއިރު ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރު، އާންމުންގެ މެދުގައި ވަނީ ބޮޑުވެފައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު، މިހާރު ރާއްޖެއިން ޕޮޒިޓިވް ވެފައި ވަނީ ޖުމްލަ 21 މީހެކެވެ. އެއީ 15 ބިދޭސީންނާއި 6 ދިވެހިންނެވެ. އޭގެ ތެރެއިން 16 މީހަކު ވަނީ މިހާރު ރަނގަޅުވެފައެވެ.