ރާއްޖޭގެ ހުރިހާ ރަށެއްގެ ސިއްހީ ހިދުމަތްތެރިން ފްރޮންޓްލައިނަށް ނިކުތުމަށް ތައްޔާރަށް ތިބުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގޮވާލައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ މިހާތަނަށް ހިދުމަތުގައި ތިބި މީހުންނާއި އަދި ކުރިން ހިދުމަތް ކޮށްފައި ތިބި މީހުންނާއި ސިއްހީ ހިދުމަތަށް ތަމްރީނު ވި މީހުން ވެސް ހިދުމަތަށް ނުކުތުމަށް ތައްޔާރުވެ ތިބުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"ސިއްހީ ހިދުމަތްތެރިން މިހާތަނަށް ކުރި ބުރަ މަސައްކަތާއެކީ މިއަދު އަޅުގަނޑުމެންގެ މަސައްކަތް އެތައް ގުނައަކަށް އިތުރުކުރަން ޖެހިފައި އޮތް ވަގުތު މިއޮތީ އަޅުގަނޑުމެންނާ އަރާ ހަމަކޮށްފައި. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިއްބެވި ސިއްހީ ހިދުމަތްތެރިންނަށް ވެސް މިއަދު އަޅުގަނޑު އިލްތިމާސްކުރަނީ މި މަސައްކަތުގެ ފްރަންޓް ލައިނަށް ހުރިހާ އެންމެން ނުކުތުމަށް އަޅުގަނޑުމެން ގޮވާލާ ވަގުތަށް ތައްޔާރުވާށޭ. ހާއްސަކޮށް މާލޭ ސަރަހައްދުގައި އަޅުގަނޑުމެން މިހާރު ތައްޔާރުވެފައިމިވަނީ މާލޭގައި ބަލި ފެތުރިގެންދާ މިންވަރަކަށް ބަލައި، ފަރުވާގެ ކަންކަން އިންތިޒާމުވެ އަޅުގަނޑުމެން ތައްޔާރުވެފައި މިތިބީ"
އަމީން

މީގެ އިތުރުން އަމީން ވިދާޅުވީ މާލެއަކީ ރާއްޖޭގެ ހުރިހާ ކަމެއްގައި ވެސް ނާރެސް ކަމަށާއި މާލެއިން ބަލި ފެނުމުން އޭގެ ނުރައްކާ އިތުރުވެގެން ދާނެ ކަމަށް ވިސްނައިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

މިނިސްޓަރު އަމީން ސިއްހީ ހިދުމަތްތެރިންނަށް ގޮވާލެއްވި އިރު، ސިއްހީ ހިދުމަތްތެރިންގެ ބަންދު ދުވަހުގެ އުޖޫރަ ކުޑަވި މައްސަލަ ފެންމަތިވުމާއެކު، ސަރުކާރުން ސިއްހީ ހިދުމަތް ތެރިންނަށް ހާއްސަ އިނާޔަތެއް ދިނުމަށް ނިންމާފައިވާ ކަންވެސް ފާހަގަ ކުރެވެއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު، މިހާރު ރާއްޖެއިން ޕޮޒިޓިވް ވެފައި ވަނީ ޖުމްލަ 21 މީހެކެވެ. އެއީ 15 ބިދޭސީންނާއި 6 ދިވެހިންނެވެ. އޭގެ ތެރެއިން 16 މީހަކު ވަނީ މިހާރު ރަނގަޅުވެފައެވެ.