ކ. ކާށިދޫ އަށް އަރާފޭބުން މަނާކޮށް ކޯޑަން ކޮށްފިއެވެ.

މިކަމާ ގުޅިގެން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ކާށިދޫ އަކީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށެއް ކަމަށް ނިންމާ، ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.

މީގެ އިތުރުން، ކޮވިޑް-19 ބައްޔާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށް ބުނެ، ކާށިދޫން މީހުން އަރާ ފޭބުން މަނާކުރުމަށް އަންގާ ޑިރެކްޓާ ޖެނެރަލް ވަނީ ކާށިދޫ ކައުންސިލް އިދާރާއަށް ވެސް ލިއުމެއް ފޮނުއްވާފައެވެ.

ކާށިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ފުރަތަމަ ފަހަރަށް މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ވަނީ ފެނިފައެވެ. އަދި މިކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ދާއިރު، ޕޮޒިޓިވްވި މީހަކީ ކައިރި ތާރީހެއްގައި ރާއްޖެއިން ބޭރަށް ގޮސްފައިވާ މީހެއް ނޫން ކަމަށް އެޗްޕީއޭން ވަނީ ބުނެފައެވެ.

އެޗްޕީއޭން ބުނީ، އޭނާ ޕޮޒިޓިވްކަން އެނގިފައި ވަނީ ރޭ އޭނާ ފްލޫ ކްލިނިކަށް ދެއްކުމުން، އޭނާގެ ސާމްޕަލް ނަގާ ހެއްދި ޓެސްޓަކުން ކަމަށެވެ. މާލެއިން މީހަކު ޕޮޒިޓިވްވުމާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިވަނީ 21 އަށް އަރާފައެވެ.

ކާށިދޫ ކޯޑަން ކޮށްފައިވަނީ މިއަދު މާލެއިން ޕޮޒިޓިވްވި މީހާއާ ކްލޯޒް ކޮންޓެކްޓްވި މީހަކު ދާދިފަހުން އެރަށަށް ޒިޔާރަތް ކޮށްފައިވާތީ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް މިކަން އެޗްޕީއޭއިން ކަށަވަރު ކޮށެއް ނުދެއެވެ.