ރާއްޖޭގެ ރަށްރަށުގައި ކޮވިޑް-19 ފެތުރޭނެކަން ސިއްހީ މާހިރުންނަށް އެނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ކޮވިޑް-19 ފެތުރޭނެ ކަމީ އަބަދުވެސް އާންމު ސިއްހަތުގެ މާހިރުންނަށް އެނގިތިބި ކަމެއް ކަމަށެވެ. އަދި ކަން ހިނގަމުން މިދަނީ އެންމެ ފުރަތަމަވެސް މިކަން ވާނެކަމަށް އަންދާޒާ ކުރެވުނު ގޮތަށް ކަމަށާއި ސަރުކާރުން ވަނީ މިކަމަށް ތައްޔާރުވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ރައްޔިތުން ކަނބޮޑު ނުވުމަށް އިލްތިމާސް ކުރައްވައި، އިރާދަފުޅުން މިކަމުން އަވަހަށް ސަލާމަތް ވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވާއިރު، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ރާއްޖޭގައި ކޮވިޑް-19އިން ރައްކާތެރި ވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް ލަފާކުރެވޭ ގޮތުގައި 2000 އެއްހާ މީހުންނަށް މި ބަލީގެ އަސަރު ކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވީ އެޗްޕީއޭން ތައްޔާރުކުރި ކޮވިޑް-19 ޕްރޮޖެކްޝަންސް ރިޕޯޓާ ހަވާލާދީ އެވެ.

މާލޭގައި ކޮވިޑް-19 ޖެހިފައިވާ މީހަކު ވަނީ މިއަދު އަލަށް ފެނިފައެވެ. އޭނާއަކީ ދަތުރު ކުރުމުގެ އެއްވެސް ހިސްޓްރީ އެއް ނެތް މީހެއް ކަމަށް ވާއިރު، އޭނާ ޕޮޒިޓިވްވުމާއެކު އައިސޮލޭޓްކޮށް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުން އެބަދެއެވެ.

މި ކޭސްއާއެކު ރާއްޖޭގައި ދެނެގަނެވިފައިވާ ޕޮޒިޓިވްކޭސްތަކުގެ އަދަދު މިވަނީ 21 އަށް އަރާފައެވެ.