މާލެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވް ދިވެހި މީހާ ދިރިއުޅު ގޭގެ މީހުން ކޮންޓެކްޓް ޓްރޭސް ކުރަން ފަށައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮވިޑް19 އަށް ޕޮޒިޓިވް މީހަކު މާލެއިން މިއަދު ފެނިފައިވާ ކަމަށެވެ. އެކަން ކަށަވަރުވެފައި ވަނީ ރޯގާގެ އަލާމާތްތައް ފެނިގެން އިއްޔެ މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް އެ މީހާ ދެއްކުމުން ކޮވިޑް19 އަށް ޓެސްޓުކުރުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެމީހާ އަށް ކޮވިޑް19 ޖެހިފައިވާކަން ކަށަވަރުވުމާއިއެކު ރެޕިޑް ރެސްޕޮންސް ޓީމުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި އެގޮތުން އެމީހާ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން އެމީހާއަށް އެންގުމަށްފަހު ވަގުތީގޮތުން ސަރަހައްދު ބަންދުކޮށް އޭނާ ދިރިއުޅޭ ގެ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އަދި ޕޮޒިޓިވް ވިފަރާތް މިހާރުވަނީ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކުރެވިފައި ކަމަށާއި މިހާތަނަށް ބެލިބެލުމުގައި ރާއްޖެއިން ބޭރަށް އެމީހާދަތުރުކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑް19 އާއި ގުޅިގެން އެ އެޖެންސީން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ. އެގޮތުން ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމާއި، އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށް އިތުރަށް ސާމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެމީހާއަކީ މިހާތަނަށް މިފަހުގެ ތާރީހެއްގައި ރާއްޖެއިން ބޭރަށް ދަތުރު ކޮށްފައި ނުވާ މީހެއް ކަމަށް އެޗްޕީއޭ އިން ބުނެފައިވާއިރު "ދަޕްރެސް" އަށް އެނގިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި ދިވެހި މީހާއަކީ ސިއްހީ ހިދުމަތްތެރިއެއްވެސްމެއެވެ.
މީގެއިތުރުން މާލެތެރެއިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވިއިރު އެ ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ތެރެއިން ޖުމްލަ ތިން ދިވެއްސަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން ދަނީ ތިން މީހަކަށެވެ. މުޅި ރާއްޖެއިން މިހާތަނަށް މި ބައްޔަށް 21 މީހުން މިވަނީ ޕޮޒިޓިވްވެފައެވެ.