ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދާ އެމެރިކާގެ އެންމެ ނުރައްކާ މަންޒިލްގެ ގޮތުގައި ސިފަކުރަމުން އަންނަ ނިއުޔޯކް ސިޓީގައި ވިހަންދާ މާބަނޑު މީހުންގެ ތެރެއިން ކޮންމެ 8 މީހަކުން 1 އަކީ އެސިމްޓޮމެޓިކް މީހެއް ކަމަށް ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގައި އާންމުކޮށްފައިވާ ލިޔުމެއް ބުނެފިއެވެ.

އެސިމްޓޮމެޓިކް މީހުންނަކީ، އެމީހުންގެ ހަށިގަނޑުގައި ވައިރަހުގެ އަސަރު ހުރެމެ، ބޭރުފުށުން އެއްވެސް އަލާމާތެއް ނުފެތި، އެހެން މީހުންނަށް ބަލި ފަތުރާ މީހުންނެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ މާޗް 22 ވަނަ ދުވަހާ އޭޕްރިލް 4 ވަނަ ދުވަހާ ދެމެދު ކޮލަމްބިއާ ޔުނިވާސިޓީ އާވިންގް މެޑިކަލް ސެންޓަރާ ނިއުޔޯކް ޕްރެސްބިޓީރިއަން އެލަން ހޮސްޕިޓަލުގައެވެ.

ހޮސްޕިޓަލަށް ވިހަން އަންނަ މާބަނޑު ހުރިހާ ޕޭޝަންޓުން ކޮވިޑް-19އަށް ޓެސްޓުކުރުމުގެ އާންމު ގަވައިދެއް އެކުލަވާލީ، ހޮސްޕިޓަލުން ހިދުމަތް ހޯދި 2 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވި ހިސާބުންނެވެ.

ކޮވިޑް-19ގެ އެސިމްޓޮމެޓިކް މީހުން އުޅޭ ކަމީ ބަލި ފެތުރުމުގެ ނުރައްކާ އިތުރަށް ބޮޑުވެގެންދާ ކަމެކެވެ. ދިރާސާގައި ބައިވެރިވި ހޮސްޕިޓަލުތަކުގައި ވިހޭ 215 އަންހެނުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްވުމަށް ޓެސްޓު ކުރި ކުރުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 4 މީހެއްގެ ހަށިގަނޑުން ބަލީގެ ކޮންމެވެސް ވަރެއްގެ އަލާމާތްތަކެއް ވަނީ ފެނިފައެވެ. މީގެ އިތުރުން އެއްވެސް ނިޝާނެއް ބޭރު ފުށުން ނުފެނި 29 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވިކަމަށް ވަނީ ރެކޯޑްކޮށްފައެވެ.

މިއާއެކު ދިރާސާ ޓީމުގެ މުސައްނިފުން ވަނީ، ހުރިހާ ޕޭޝަންޓުން ކޮވިޑް-19އަށް ޓެސްޓުކުރުމަކީ ލާޒިމު ގަވައިދަކަށް ހަދަންޖެހިފައިވަނީ މުހިންމު ދަރަޖައަކަށްކަން ފާހަގަކޮށްފައެވެ. ޕޭޝަންޓަކީ ކޮވިޑް-19އަށް ޕޮޒިޓިވް ނުވަތަ ނެގެޓިވް މީހެއްކަން ދެނެގަނެވުމަކީ، އިތުރު އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށްވެސް އެހީވެދޭނެ ކަމެކެވެ.