ޓިކެޓެއް އަދި ވިސާއެއްވެސް ނެތި ދުނިޔޭގެ ހުރިހާ ބޯޑަރެއް ހުރަސްކުރަމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ކުރިމަތިލުމަށް ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލް ގެ ދަށުގައި އޮތް ހަމަ އެކަނި ސަރަހައްދު ކަމަށްވާ އިދްލީބު ޕްރޮވިންސްއިންދަނީ ވެވުނު ގޮތަކުން ތައްޔާރީތައް ވަމުންނެވެ.
ނަމަވެސް، ބޮޑު މައްސަލައެއް އެބައޮތެވެ. މުޅި ސަރަހައްދުގައިވެސް ކޮވިޑް-19އަށް ޓެސްޓުކުރަން ހުރީ އެންމެ މެޝިނެކެވެ.
ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސުންނާފަތިވެފައިވާ ސޫރިޔާގެ ސަރުކާރުގެ ބާރު ހިނގާ ސަރަހައްދުން ބޭރުގައި، ޕޮލީމަރޭސް ޗެއިން ރިއެކްޝަން (ޕީސީއާރް) ޓެސްޓު ކުރެވޭ ގޮތަށް ހުރި ހަމައެކަނި މެޝިނަކީ މިއީކަން، 3 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް އިދްލީބުގެ ޑޮކްޓަރެއް ކަމަށްވާ މުޙައްމަދު ޝަހީމް މައްކީ ވަނީ ބައިނަލްއަގުވާމީ މީޑިއާއަށް ކަށަވަރުކޮށްދެއްވާފައެވެ.
ޑރ މައްކީ ހިންގަމުން އަންނަ އެޕިޑޮމޮލޮޖިކަލް ސާވޭލަންސް ލެބުގައި 300 ސާމްޕަލްއެއްގެ 120 ޓެސްޓު ހެދީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. މި ހުރިހާ ޓެސްޓެއް މިވަގުތަށް ނެގެޓިވްވިކަމުގައި ވީ ނަމަވެސް، ތޮއްޖެހިފައިވާ ކޭމްޕުތަކުން ފުރިފައިވާ އިދްލީބުން މި ބަލި ފެނުން ވެގެންދާނީ އިންތިހާއަށް ނުރައްކާތެރި ކަމަކަށެވެ.
ޑރ މައްކީ ގެ ލެބަށް ސާމްޕަލް އަންނަ މިންވަރު މިހާރު އިތުރުވަމުންދަނީ ހަލުވި ދުވެއްޔެއްގައެވެ. ފާއިތުވީ 2 ދުވަހެއްގެ ތެރޭގައިވެސް 5000 ސާމްޕަލް ވަނީ ލިބިފައެވެ. ނަމަވެސް މީގެ ތެރެއިން ޓެސްޓުކުރެވޭނީ ކިހާ ސާމްޕަލްއެއްކަން ނޭނގޭއިރު، މި ކަން ވާނެ އިރެއްވެސް ބުނާކަށް ނޭނގެއެވެ.
ޑރ މައްކީ ބުނާ ގޮތުގައި ލެބުގައި ހުރި މޭޝަނަކީ އިދްލީބުގައި މިވަގުތު ތިބި މީހުންނަށް ހިދުމަތް ދެވޭ ވަރަށްވުރެ ކެޕޭސިޓީ ކުޑަ މެޝިނެކެވެ. އަދި ބޭނުންކުރަމުންދަނީ އެންމެ މެޝިނެއް ކަމުން، އެ މެޝިނަށް އޮންނަ ލޯޑާ ޕްރެޝަރުވެސް ބޮޑުވަމުން އަންނަ ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ސާމްޕަލްތައް ޓެސްޓުކުރަން ޚިޔާރު ކުރުމުގައި ހަރުކަށި އުސޫލެއް ގެންގުޅޭކަމަށްވެސް ޑރ މައްކީ ވަނީ ބުނެފައެވެ. ހޮސްޕިޓަލިތަކަށް ފީސީއާރް ޓެސްޓު ޑިވައިސްތައް ފޯރުކޮށްދިނުމުގައިވެސް ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ފުރަތަމަ ކަމަކީ މެޝިންތަކުގެ އަގު ބޮޑުވުމެވެ. ދެވަނަ ކަމަކީ، މެޝިން އޮޕަރޭޓްކުރަން ޓެކްނީޝަނުން ތަމްރީނުކުރަންޖެހުމެވެ.
ޑރ މައްކީ ވިދާޅުވީ، މިނިވަންވެފައިވާ ހިސާބުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެ. ހަނގުރާމައިގެ ސަބަބުން ސިއްހީ ނިޒާމު ފުނޑުފުނޑު ވެފައިވާއިރު، ސިއްހީ ހިދުމަތްދޭ ތަންތަނަށް އަމާޒުކޮށް ހަމަލާ އަމާޒުވަމުންދާކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މި ހުރިހާ ގޮންޖެހުންތަކަކާ އެކުގައިވެސް ޓީމުތަކުން ކޮވިޑް-19އަށް މީހުން ހޭލުންތެރި ކުރުވުމުގެ ކެމްޕޭންތައް ހިންގަމުންނެވެ. ހޭލުންތެރިކަން ލިބެމުންދާ ވަރަކަށް ބައެއް މީހުން ވަނީ، ތޮއްޖެހިފައިވާ ކޭމްޕުތައް ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުވުމުގެ މަސައްކަތް ފަށާފައެވެ.
ސޫރިޔާގެ އެހެން ހިސާބުތަކަށް ބަލާއިރު ވެރިރަށް ދިމިޝްކުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް 25 ކޭހެއް ރިޕޯޓްކޮށްފައެވެ. އަދި ސަރުކާރުން ކޮންޓްރޯލް ކުރާ ސަރަހައްދުތަކުން 2 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށްވެސް ވަނީ ރިޕޯޓްކޮށްފައެވެ. ސޫރިޔާއިންވެސް ވަނީ ބަލިފެތުރުން ކޮންޓްރޯލް ކުރުމުގެ ނަމުގައި ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށާފައެވެ. އެގޮތުން ވިޔަފާރިއާއި ވައިގެ އުދުހުންތައް މެދުކަނޑާލާފައިވާއިރު، އެ ގައުމުގައި ވަނީ ކާފިއުވެސް އިއުލާންކޮށްފައެވެ.