ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާދިނުމަށް ބޭރުގެ ޖަމިއްޔާތަކުގެ އެހީގައި އިތުރު 27 ވެންޓިލޭޓަރު ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މިހާރު އެކި ޖަމިއްޔާތަކުން އިތުރު 27 ވެންޓިލޭޓަރު ރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ތަކެތި ލިބޭނެ ކަމުގެ ޔަގީން ލިބިފައިހުރި ނަމަވެސް އެ ވެންޓިލޭޓަރު ގެނައުމަށް ދަތިތަކެއް އެބަހުރި ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު މިރޭ ވަނީ 151 ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރި ކުންފުނިތަކުގެ ނަންތައްވެސް ހާމަ ކުރައްވާފައެވެ. އެގޮތުން 26 ވެންޓިލޭޓަރު ގެނައުމަށް 8.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ، ނާޑު ޕްރައިވެޓް ލިމިޓެޑްއާއެވެ. ފަންސާސް އައިސީޔޫ ވެންޓިލޭޓަރު ގެނައުމަށް 14.4 މިލިއަން ރުފިޔާއަށް މެޑް ޓެކް ކުންފުންޏާއެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ މެދުވެރިވެގެން 75 ވެންޓިލޭޓަރު 34 މިލިއަން ރުފިޔާއަށް ގެންނަނީ، ދުބާއީ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ކަމަށް މަބްރޫކު ވިދާޅުވިއެވެ.
ވެންޓިލޭޓަރު ހަދިޔާ ކުރި ޖަމިއްޔާތައް:
- ޔުނިސެފް - 2 ޕޯޓަބަލް ވެންޓިލޭޓަރު
- ވޯލްޑްބޭންކް - 18 އައިސީޔޫ ވެންޓިލޭޓަރު
- އޭޑީބީ - 4 އައިސީޔޫ ވެންޓިލޭޓަރު
- އައިޑީބީ - 3 އައިސީޔޫ ވެންޓިލޭޓަރު
އެ ކުންފުނިތަކުގެ ތެރެއިން މިހާތަނަށް ފައިސާ ދައްކާފައިވަނީ ހަމައެކަނި ޑަބްލިއެޗްއޯ މެދުވެރިގެން ގެންނަ 75 ވެންޓިލޭޓަރަށް ކަމަށް ރޭ މަބްރޫކު ވަނީ ވިދާޅުވެފައެވެ. އެ ތަކެއްޗަށް ދައްކާފައިވަނީ ފައިސާގެ ޖުމްލަ އަދަދުގެ 75 ޕަސަންޓެވެ.
ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތައް ތުހުމަތުތަކެއް ކުރެވޭ ކަމަށް، މައްސަލަ ތަކެއްވެސް ވަނީ ފެންމަތިވެފައެވެ. ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ވަނީ ވެންޓިލޭޓަރާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއްގެ ޖަވާބު ހޯއްދެމުވަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހަށްވެސް ހާޒިރުކުރުމަށް ހުށަހަޅުއްވާފައެވެ.
މުޅި ދުނިޔެއަށްވެސް ސިއްހީ ގޮތުންނާއި އިގްތިސާދީގޮތުންވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު ބޮޑެތި ގައުމަކުންވެސް މިބަލިން އަރައިގަތުމަށް ދަތިތަކެއް ކުރިމަތިވެފައިުވާއިރު، ސިއްހީ ވަސީލަތްތަކުގައި ބޭނުންކުރާ ވެންޓިލޭޓަރު ފަދަ ތަކެތި ލިބުމުގައި ގިނަ ގައުމުތަކަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.