ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ކަރަންޓީން ކުރާ މީހުންގެ ތެރެއިން މިއަދު 9 މީހަކު ކަރަންޓީން ފެސިލިޓީ ތަކުން ދޫކޮށްލައިވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ގާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި ކަރަންޓީން ކޮށްފައި ބޭތިއްބި މީހުންގެ ތެރެއިން މިއަދާ ހަމައަށް އައި އިރު ޖުމްލަ 853 މީހުން ދޫކޮށްލާފައިވާ ކަމަށެވެ.

މިހާތަނަށް 11 މީހަކު އައިސޮލޭޝަން ފެސިލިޓީގައި ތިބި އިރު ކަރަންޓިން ފެސިލީޓަކުގައި ތިބީ ޖުމްލަ 962 މީހުންނެވެ. މީގެ އިތުރުން އިންޑިއާއިން އައި ފަސް މީހަކު ވަނީ އައިޖީއެމްއެޗުގައި ކަރަންޓީން ކުރެވިފައެވެ.

މިހާތަނަށް ކޮވިޑަށް ޓެސްތު ކުރުމަށް ޖުމްލަ 2899 ސާމްޕަލެއް ވަނީ ނަގާފައެވެ. އޭގެތެރެއިން 2696 ސާމްޕަލަކީ ނަތީޖާ ނެގެޓިވް ވެފައިވާ ސާމްޕަލްތަކެވެ. އަދި 183 ސާމްޕަލަކީ ލެބޯޓްރިއަށް ސާމްޕްލް ގެންދިއުމަށް ފަހު ނަތީޖާ އަދި ނުލިބި ހުރި ސާމްޕަލްތަކެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑަށް 20 މީހަކު ޕޮޒިޓިވްވެފައި ވާއިރު މި ބަލިން 16 މީހަކު ވަނީ ރަނގަޅުވެފައެވެ. އެއީ 15 ބިދޭސީންނާއި ފަސް ދިވެއްސެކެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު މި ބައްޔަށް ފަރުވާ ކުރަމުން ދަނީ 2 ދިވެހިންނަށެވެ.