މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ފެނުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން މިހާރު ބެލަރުސްގައިވެސް ފެތުރެމުންދަނީ ހަލުވި މިނެއްގައި ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން އެ ގައުމަށް ދީފިއެވެ.

ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބެލަރުސްއިން މިއަދު އެކަނިވެސް 362 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 3281 އަށް އަރާފައެވެ. މި ބަލީގައި މިއަދު އެ ގައުމުން 4 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު، މަރުވި މީހުންގެ ޖުމުލަ އަދަދު 33 އަށް ވަނީ އަރާފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 3045 ކޭހެއް ރިޕޯޓް ކޮށްފައި ވާއިރު، 57 މީހެއްގެ ހާލު ސީރިއަސް/ކްރީޓިކަލް ކަމަށް މައުލުމާތު ލިބެއެވެ.

ބެލަރުސްގެ ދައުވަތަކަށް އެގައުމަށް ދަތުރުކުރި ޑަބްލިއުއެޗްއޯގެ މިޝަންއިން ވަނީ ކޮވިޑް-19އާ ގުޅިގެން ބެލަރުސް އިން ގެންގުޅޭ އުސޫލުތަކާ އަޅަމުންދާ ފިޔަވަޅުތައް ދިރާސާކޮށްފައެވެ. އެގޮތުން މިންކްސް، މިންސްކް އޮބްލަސްތް އަދި ވީތެބިސްކް އޮބްލަސްތްގައި އަޅާފައިވާ ފިޔަވަޅުތައް ދިރާސާ ކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

ގާތްގަނޑަކަށް 9.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބެލަރުސްއަކީ، ކޮވިޑް-19އާ ގުޅިގެން ލޮކްޑައުންގެ މަޖުބޫރީ އަމުރެއް ތަންފީޒު ކުރަމުން ނުދާ ވިލާތުގެ މައު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. ޑަބްލިއުއެޗްއޯގެ ވިލާތު އޮފީހުގެ ޑރ ޕެޓްރިކް އޯކޮނާވެސް ވަނީ، ބެލަރުސްގައި ހަލުވިކަމާއެކު ވައިރަސް ފެތުރެމުންދާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

މިއާއެކު ބެލަރުސްގައި އައިސޮލޭޝަން ފިޔަވަޅުތައް ވަރުގަދަކޮށް، އާންމު އެއްވުންތައް ބޭއްވުން މަޑުޖައްސާ، ކޮންޓްރޯލް ކުރުމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ އެ ގައުމަށް ގޮވާލާފައެވެ.

ރަޝިޔާ އަދި ޔޫކްރައިން ބޯޑަރު ހިއްސާކުރާ ބެލަރުސް ނުވަތަ ކުރީގެ ނަމުން ނަމަ ބެލަރޫސިއާއަކީ މަތީ ތައުލީމު ހާސިލުކުރުމަށް 132 އެއްހާ ދިވެހި ދިރިއުޅޭ، އިރުމަތީ ޔޫރަޕް ގައުމެކެވެ. ދަ ޕްރެސްއަށް މައުލޫމާތު ދެމުން މި ދަރިވަރުންވަނީ ޔުނިވާސިޓީއިން ރިލީޒް ލިބިފައިވާ ކަމަށާ، ނަމަވެސް އެނބުރި ގައުމަށް އައުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިފައި ވާކަން ފާހަގަކޮށްފައެވެ.